ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލުގައި އޮންނެވީ ކުށެއް ނުކޮށް ނޫން ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޔާމީނުގެ ވެރިކަމުގައި ގާސިމްގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެ ޖަލަށްވެސް ލި އެވެ. އަދި ސަރުކާރު ވައްޓާލަން އުޅުނު ކަމުގައި ތުހުމަތުގައި ޓެރަރިޒަމުގެ ދައުވާވެސް ކުރި އެވެ. ނަމަވެސް ވެރިކަން ބަދަލުވެ އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ.
ރިޔާސީ ކެމްޕޭނުގައި ނ. ލަންދޫއަށް ވަޑައިގެން އިއްޔެ ގާސިމް ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވީ ޔާމީނަކީ 'އިނޮސެންޓު ބޭބީއެއް ނޫން' ކަމަށާއި ޖަލުގައި އޮންނަވަން ޖެހެނީ ކުށެއް ނުކުރަނީސް ނޫން ކަމަށެވެ.
"ޗެކް އަމިއްލަ އެކައުންޓަށް ޖަމާކުރީމަ، ހަތަރު ފަސް ސަތޭކަ މިލިއަން ރުފިޔާ އެކައުންޓުތަކުގަ ހުރީމަ، ބަލަ ވެރިކަމަށް އައިރު ނެތް އެއްޗެއް ކިހިނެތްތޯ މަތިންތޯ އައީ، ދެން ބުނަނީ ޕާޓީ ލާރިއޭ، ޕާޓީގެ ލާރި ހުންނާނީ ޕާޓީގެ އެކައުންޓުގަ ނޫންތޯ"
ގާސިމް ވިދާޅުވީ ޔާމީނު އެ ވިދާޅުވާ ޕާޓީގެ ލާރި ހޯދި ގޮތްވެސް ހާމަނުކުރައްވާ ކަމަށާއި އެ ލާރި ހޯދި ގޮތްވެސް ހޯދަން ޖެހޭނެ ކަމަށެވެ.

ޔާމީން ތަކުރާރުކޮށް ވިދާޅުވީ އެ ފައިސާއަކީ އޭނާ ސިޔާސީ ހަރަކާތް ހިންގަން ލިބިފައިވާ ފައިސާ ކަމަށާއި، އެ ފައިސާ ޕާޓީ އެކައުންޓަށް ޖަމާކުރުން ލާޒިމެއް ނޫން ކަމަށެވެ.
ޔާމީނު ދޫކޮށްލަން އިދިކޮޅުން ގޮވާލި ނަމަވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން އެކަން ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
"ދައުލަތަށް ލިބެން ހުރި ފައިސާ ގެންގޮސް އަމިއްލަ އެކައުންޓަކަށް ލީމަ ފައިސާއެއްވެސް ނުހުންނާނެ، ދެން އެކަންތައްތައް ބަލާފަ ކޯޓުން ނިންމީމަ މި ބުނަނީ ދޫކޮށްލާށޭ، ކިހިނެއްތޯ އެކަން ކުރަނީ އަޅުގަނޑުމެން، ކޯޓުތައް މިނިވަންކަމާއެކު މަސައްކަތް ކުރަނީ، އެބޭފުޅުންގެ ޕްރޮސެސްއަށް އަޅުގަނޑުމެން ޖާގަ ދޭންޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރު ޔާމީނު މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށް ޖަލުގަ އެވެ. އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ހިފުމާއި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެގެންނެވެ.
ޔާމީނުގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އަޑުއެހުންތައް ދަނީ ކުރިއަށެވެ. ޕީޕީއެމުން ޓިކެޓު ދިން ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވުނީ ވެސް މި ހުކުމުގެ ސަބަބުންނެވެ. އެމަނިކުފާނު ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.












