ރ. އަތޮޅު ދުވާފަރުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، އެރަށުގައި އެއާޕޯޓު އެޅުމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރެއްވުމަށް މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދުވާފަރަށް ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެރަށަށް މިއަދު ދިއުމުން އެންމެ ގިނަ ބައެއްގެ އެދުމަކަށްވީ އެއާޕޯޓެއް އަޅައިދިނުން ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ އެ އެދުން ބޮލާލައި ނުޖައްސަވާނެ ކަމަށާއި، އެކަމާ ގުޅިގެން ކުރަން ޖެހޭ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.
"ތިޔަބޭފުޅުންގެ ތިޔަ އެދުމާ އެކީގައި އަޅުގަނޑު ޕްލޭނިން މިނިސްޓްރީ އާއި، ޕޮލިސީ ޓީމު އަދި ފައިނޭންސް މިނިސްޓްރީއާ އެކު އަދި އިށީންނާނަން. ތިޔަބޭފުޅުން އުންމީދު ގެއްލުވާނުވާ. އަޅުގަނޑުމެން ތިޔަބޭފުޅުންނަކަށެއް ދެރަގޮތެއް ނުހަދާނަން," ރައީސް ސޯލިހު ވިދާޅުވީ ދުވާފަރު އެއާޕޯޓާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަދި އެރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ގޮތުގައި، ދެން އަންނަ ދައުރެއްގެ ތެރޭގައި ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ.
"މިރަށުގައި އިތުރަށް ސިއްހީ ހިދުމަތް ފުޅާކުރުމަށް ރައްޔިތުން އެދޭ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ދައުރުގައި މިރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ދުވާފަރުގެ މަގުތަކުގެ ތެރެއިން މިހާރު ތާރު ނޭޅި މަގެއް އޮތް ނަމަ އެ މަގުގެ ތާރު އެޅުމުގެ މަސައްކަތް ވެސް އަންނަ ދައުރެއްގައި ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދަރިވަރުން ސްކޫލަށް ގެންދިއުމަށް ބަހުގެ ހިދުމަތް ބޭނުންވާކަމަށް ބެލެނިވެރިން އެދޭތީ އާރުޓީއެލް މެދުވެރިކޮށް އެ ހިދުމަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ ކަމުގެ އުންމީދު ރައީސް މިރޭ ދެއްވި އިރު، އެއަތޮޅު އިފުރުގައި އެއާޕޯޓެއް އޮވެ އެވެ. މި ކެމްޕޭނުގެ ތެރެއިން ރ. އަލިފުއްޓާއި ބެރިޔަންފަރުގައި އެއާޕޯޓު އަޅައިދެއްވާނެ ކަމަށް ރައީސް މީގެ ކުރިން ވައުދުވެވަޑައިގަތެވެ.
ދުވާފަރުގައި އެއާޕޯޓެއް އެޅުމަށް ނިންމައިފި ނަމަ އަންނަ ދައުރުގެ ތެރޭގައި އެއަތޮޅުގައި ޖުމްލަ ހަތަރު އެއާޕޯޓުގައި ހިދުމަތް ދޭނެ އެވެ.













