މަސްތުވާތަކެތީގެ މުއާމަލާތުކުރުމުގެ ކުށުގައި ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިބްރާހިމް ރަޝީދު، 46، ގެ މައްޗަށް ޑައިމޯފިންއިން މުއާމަލާތް ކުރުމުގެ ދައުވާ އުފުލީ، މެއި 28، 2016 ވަނަ ދުވަހު މެންދަމު ގދ. ތިނަދޫގައި، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޭނާ ހުރި ތަނަށް ގޮސް އޭނާ ހުއްޓުވަން އުޅެނިކޮށް އޭނާ އެއްލާލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައެއްގަ އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުން ދެ ގްރާމަށް ވުރެ މަދުން މަސްތުވާއެއްޗެއް ފެނިއްޖެ ނަމަ ބެލެވޭނީ އެއީ މަސްތުވާތަކެތިން މުއާމަލާތް ކުރުމަށް ގެންގުޅުނު ތަކެތި ކަމަށެވެ. އޭނާ އަކީ މަސްތުވާއެއްޗަށް ދެވިހިފާފައި ނުވާ މީހެއް ކަމަށް އިބްރާހިމް ރަޝީދު އަމިއްލައަށް ކޯޓުގައި ވަނީ ބުނެފަ އެވެ.
އޭނާ ހުއްޓުވަން ފުލުހުން ދިޔުމުން "ސިއްސައިގެންދާ ކަހަލަ ގޮަތަކަށްވެ"، އަތުގައި އޮތް ޕެކެޓު މަގުމައްޗަށް އެއްލާލި މަންޒަރު ފެނުނު ކަމަަށް ބުނެ އެ ސީނަށް ދިޔަ ފުލުހުން ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާއިރު، އެ މީހުންގެ ހެކިބަހުން އެ ޕެެކެޓު އޮތީ އޭނާގެ އަތުގައިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވެ އެވެ.
އޭގެ އިތުރުން، އޭނާގެ އަމަލުތައް ހުރި ގޮތުން ޕެކެޓުގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް އެނގޭކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އިބްރާހިމް ރަޝީދު ޝަރީއަތުގައި ބުނެފައި ވަނީ، މި މައްސަލައިގައި ފެނުނު ޕެކެޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެއީ ބަޔަކު އޭނާ ފްރޭމް ކުރުމަށް އެތަނުގައި ބޭއްވި އެއްޗެއް ކަމަށެވެ.
އެކަމަކު، އެކަން ސާބިތު ކުރަން އޭނާގެ ފަރާތުން އެއްވެސް ހެއްކެއް އަދި ދައުލަތުން ހުށަހަޅާފައިވާ ހެކި ނަފީ ކުރަން ވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމާއި އޮތީ ހަމައެކަނި އޭނާ ބުނާ ބުނުމެއްކަން ކްރިމިނަލް ކޯޓުގެ ހުކުމުގައި ފާހަގަކުރި އެވެ.
ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުން އިބްރާހިމް ރަޝީދު ވަނީ އެންމެ ލުއި އަދަބެއް ކަނޑައަޅައިދިނުމަށް އަދި ޑްރަގް ކޯޓުން ފަރުވާއަށް ފޮނުވާ ގޮތަށް ހުކުމް ކުރުމަށް އެދިފަ އެވެ.
އެހެންނަމަވެސް، ހަތަރު ގްރާމަށް ވުރެ މަދުން ޑައިމޯފިން ފެންނަ މައްސަލަތަކުގައި ފަރުވާއަށް ފޮނުވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކަމަށް ބުނެ އަމިއްލައަށް އިއުތިރާފުވުމުންނެވެ. މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އޭނާ އިއުތިރާފުވެ އެގޮތަށް އެދިފައި ނުވާތީ ކޯޓުން ނިންމީ ޖަލު އަދަބާއި ޖޫރިމަނާ ކަނޑައެޅުމަށެވެ.
މަސްތުވާތަކެތީގެ މުއާމަލާތް ކުރުމުގެ ކުށަށް މަސްތުވާތަކެތީގެ ގާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަބަކީ 15 އަހަަރަށް ޖަލަށްލުމާއެކު 25،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަލްޒީފާ ހުކުމް ކުރެއްވީ، އޭނާ 15 އަހަރަށް ޖަލަށްލުމާއެކު 25،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.
މި މައްސަލައިގައި އިބްރާހިމް ރަޝީދު ކޯޓަށް ހާޒިރު ނުކުރެވިގެން މިދިޔަ ހޯމަ ދުވަހު ފުލުހުން އޭނާ ހޯދަން ވެސް އިއުލާނު ކުރި އެވެ. ފުލުހުން އޭނާ ހޯދީ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރާށެވެ.












