ރާއްޖޭގެ ދެކުނުން އޮތް ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެގައުމާ ދެމެދު ކަނޑުގެ ސަރަހައްދު ބައިކުރުުމުން، ރާއްޖެއަށް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯއްދަވަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދު ބައިކުރީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް( އިޓްލޮސް) އިންނެވެ. އެކަން އެގޮތަށް ކުރި އިރު ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ. އެކަމުގައި އިދިކޮޅު އެންމެން ގުޅިގެން ކަންބޮޑުވުން ފާޅުކުރި އިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ކުރީގެ ބަންޑާރަނައިބު ޑރ.މުހައްމަދު މުނައްވަރެވެ.
ސެޕްޓެމްބަރު 9،ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަަމަށް ކުރިން ވިދާޅުވި ނަމަވެސް މުނައްވަރު އެކަން ހުއްޓަވައިލެއްވުމަށް ފަހު މިހާރު ހުންނެވީ މުއިއްޒަަށް ތާއީދުކުރައްވައިގެންނެވެ. މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ.
އައްޑޫ ހުޅުދޫގައި މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބިނާކުރެއްވި ކޯލްޑް ސްޓޯރޭޖް ވަރުގަދަ ކޭނިން ފެކްޓްރީއަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އޭރުން މަދުވެގެން 500 ވަޒީފާ އުފެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަން ކުރުމަށް ޓަކައި، މި ވިއްކާލައިގެން އުޅޭ ކަނޑު ވެސް ހޯދަން ޖެހޭނެ އަނބުރާ، އިނގޭތޯ. އެކަން ވެސް ކުރެެވޭނީ ތިޔަ ބޭފުޅުން ފުރުސަތު ދެއްވައިފިއްޔާ އަޅުގަނޑުމެންނަށް އިނގޭތޯ،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަނައިބު ޑރ.މުހައްމަދު މުނައްވަރުގެ ތާއީދަށް މުއިއްޒު ޝުކުރު އަދާކުރެއްވީ އެވާހަކައާ ގުޅުވައިގެންނެވެ.
ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހަައްދު އަނބުރާ ހޯއްދަވާ ވާހަކަ ދެއްކެވި ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.












