ހިޔާގެ ކޮންމެ ޓަވަރަކަށް ލިފްޓެއް އިތުރުކުރާނެ ޖާގަ އެބަ ހުރި ކަމަށާއި ކޮންމެ ޓަވަރަކަށް ލިފްޓެއް އިތުރުކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް ހުށަހަޅުއްވާ މެނިފެސްޓޯ އިއުލާންކުރައްވަން ރޭ ހިޔާ ފްލެޓު ސަރަހައްދުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓުތަކަށް ލިފްޓު އިތުރު ކުރަން ޖާގަ އެބަ ހުރި ކަމަށެވެ. އަދި އިންޖިނިއަރިންގެ މިންގަނޑުތަކާ އެއްގޮތަށް ކޮންމެ ޓަވަރަކަށް ލިފްޓު އިތުރުކޮށްދެއްވާނެ ކަމަށެވެ.
"މި ޓަވަރުތަކުގައި ހުރި ޖާގައަށް ބަލައި، ޖާގަ އެބަ ހުރި، އިންޖިނިއަރިންގެ މިންގަނޑުތަކާ އެއްގޮތަށް ޕްލޭންކޮށްގެން ކޮންމެ ޓަވަރަކަށް އިތުރު ލިފްޓު އަޅުގަނޑުމެން އިތުރުކޮށްދޭނަން،" ހުޅުމާލޭ ދެ ވަނަ ފިވައްސަށް ހާއްސަ ވައުދުތައް ކިޔައިދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ފެށި ހިޔާ މަޝްރޫއުގެ ދަށުން ޑިޒައިންކޮށް އިމާރާތްކުރި ޓަވަރުތަކުގައި މީހުން ދިިރިއުޅެން ފެށުމުން، އެ ޓަވަރުތަކުގައި މީހުން ދިރިއުޅޭ އަދަދާ ބަލާއިރު ލިފްޓުތައް މަދު ކަމުގެ ޝަކުވާ ފެންމަތިވި އެވެ.
މި ސަރުކާރުން ވެސް ވަނީ ޓަވަރުތައް ޑިޒައިންކޮށްފައިވާ ގޮތަށް ފާޑުކިޔައިފަ އެވެ. އެގޮތުން، ލިފްޓުތައް މަދު ކަމަށާއި އެޕާޓްމެންޓުތައް ކުޑަ ކަމަށް ބުނެ ޓަވަރުތަކަށް ބަދަލުގެންނަން ވެސް މަސައްކަތް ކުރި ނަމަވެސް، ފަހުން ނިންމީ އެއްވެސް ބަދަލެއް ނުގެނައުމަށެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މެނިފެސްޓޯ އިއުލާނުކުރުމުގެ ޖަލްސާ ބޭއްވީ ވެސް ގަސްތުގައި ކަމަށާއި އެތަނަކީ ރައީސް އަބްދުﷲ ޔާމީންގެ "ތަރައްގީގެ ލެގަސީ" ގެ އެންމެ ބޮޑު ރަމްޒު ދައްކުވައިދޭ ބިން ކަމަށް ވެސް މުއިއްޒު ރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޔާމީންގެ ވެރިކަން ބަދަލުވީ ބޮޑު މާސްޓާ ޕްލޭނެއްގެ ދަށުން ދެވަނަ ފިހަވަހީގައި ގިނަ އަދަދެއްގެ ހައުސިން ޔުނިޓު އަޅައި ޒުވާނުްގެ ސަހަރެއް ގާއިމްކުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.
މި ސަރުކާރުގައި "ކުރީ ސަރުކާރު" ކިޔާލަ ކިޔާލައި ތިބީ ކަމަށާއި ފަސް އަހަރު ތެރޭގައި ކުރި އެއްވެސް ކަމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް އެއްވެސް ކަހަލަ އަސާސީ ހިދުމަތްތަކެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހި އޭރުގެ މާސްޓާ ޕްލޭނާ އެއްގޮތަށް 100،000 މީހުންގެ އާބާދީއަކަށް ފުދޭ ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމާލަދެއްވާނެ ކަމަށެވެ.












