ރާއްޖެއަށް ބައެއް ގައުމުތަކުން ލޯނު ދޫކުރާ ގޮތާއި ރާއްޖެއިން ލޯނު ނަގަމުންދާ މިންވަރަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ހދ. ނޮޅިވަރަމްގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ރާއްޖެއިން ލޯނު ނަގަނީ ނުދެއްކޭނެ މިންވަރަށް ކަމަށާއި އެކަން ލޯނު ދޫކުރާ ގައުމުތަކަށް ވެސް އެނގޭނެ ކަމަށެވެ.
"އަޅުގަނޑަށް އެބަދޭ ލާރި އެގްރިމެންޓެއްގެ ދަށުން، ދީގެން އަޅުގަނޑު އެ ލާރި ދެމުން ދަނީ، އޭނަ ދެން ދެން ދަރަންޏަށް އެ ދެނީ، އަޅުގަނޑު ދެން މި ލާރި ނަގަނީ ނަގަނީ ހުރިހާ ކަމެއްވެސް ކުރަން، ނަގަމުން ގޮސް ލާރި ދައްކަން ޖެހޭ ދުވަހު ނުދެއްކުނީމަ ދެން ކިހިނެއްތޯ މި ދެން ވާނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިހާރު ނަގަމުންދާ ރޭޓުން ލޯނު ނަގަމުންދާ ނަމަ ގައުމު ބަނގުރޫޓުވާނެ ކަމަށެވެ.
"އަޅުގަނޑު މި ދައްކަނީ 120 ބިލިއަން ރުފިޔާގެ ދަރަނި މިއަދު އޮތް ވާހަކަ، އެއީ ސަރުކާރުގެ ދަރަނީ އެކަނި، ކޮބާތޯ ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި، އިތުރު އެއް ބިލިއަން ޑޮލަރަށްވުރެ މަތިވާނެ އިނގޭތޯ، އެ ހުރިހާ އެއްޗެއް ހަވާލުވާންޖެހޭ ފަރާތަކީ ދިވެހި ރައްޔިތުން، ތިބޭފުޅުން،" އޭނާ ވިދާޅުވި އެވެ.

"[ދަރަނީގެ ސަބަބުން] 2025 އަންނައިރު ދެން އަޅުގަނޑުމެން ތިބޭނީ ކޮންތާކުތޯ ލަފާކުރަން ތިބޭފުޅުންނަށް އުނދަގޫ ވެދާނެ."
އޭގެ އިތުރުން، ދިވެހި ސިފައިންނަށް ނުވަދެވޭ ބައެއް ސަރަހައްދުތައް ރާއްޖޭގައި ހުރި ކަމަށް ތުހުމަތު ކުރައްވާ މޭރަމަކުން ވެސް ގާސިމް މިއަދު ވާހަކަ ދެއްކެވި އެވެ.
"ދިވެހި ރާއްޖޭގެ ސިފައިންނަށް ނުވަދެވޭނެ ތަނެއް އޮންނަން ބޭނުންތޯ، އަޅެ މި ސުވާލުގެ ޖަވާބު ދެއްވަން ވީނު، އިންޑިއާ އައުޓް ގޮވާ ގްރޫޕު ކަންނޭނގެ މިއުޅެނީ، އެމީހުންނަށް ޖަވާބު ދެވެންޖެހޭނެ ދެއްތޯ،" އެ ސަރަހައްދުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރުން ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް ޕީއެންސީގެ މުހައްމަދު މުއިއްޒާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ.
އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލް ވެސް އެ އިންތިހާބުގައި ވާދަ ކުރައްވަ އެވެ. އެ ތިން ބޭފުޅުން ވާދަ ކުރައްވަނީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގަ އެވެ.












