މި ސަރުކާރުގެ އެންމެ ކާމިޔާބު އެއް މަޝްރޫއު ކަމުގައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ގެ ފެރީ ހިދުމަތުން ރާއްޖޭގެ އެންމެ ދެކުނު ހަތަރު އަތޮޅު ގުޅާލައިފި އެވެ.
އާރުޓީއެލްގެ ހިދުމަތް މިއަދު އަލަށް ފެށީ ފުވައްމުލަށް އަދި އައްޑޫ ސިޓީގަ އެވެ. އެއާއެކު، އެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ދަށުން އެ ދެ އަތޮޅާއި ގއ. އަދި ގދ. އަތޮޅު ވަނީ ގުޅާލާފަ އެވެ. އެ އަތޮޅުތަކަށް ވެސް ހަފުތާގެ ކޮންމެ ދުވަހަކު އާރުޓީއެލްގެ ހިދުމަތް ލިބޭނެ އެވެ.
އެއާއެކު އަލަށް ފެށި ދެ އަތޮޅަށް އަދި އެ އަތޮޅުތަކުން ގއ. އަދި ގދ. އާ ގުޅޭ ރޫޓުތަކުން މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަކަށް ހިލޭ ދަތުރުކުރެވޭނެ އެވެ. އާރުޓީއެލްގެ ހިދުމަތް އަލަށް ފަށާ ކޮންމެ އަތޮޅެއްގައިވެސް ފުރަތަމަ ހަފުތާގެ ދަތުރުތައް ހިލޭ ކުރާއިރު، އެ ހިދުމަތް ހިންގާ އެމްޓީސީސީ އިން ބުނީ މިއީ އާރުޓީއެލްގެ ހިދުމަތްތަކަށް އާންމުން އަހުލުވެރިކުރުމަށް ދޭ މުއްދަތެއް ކަމަށެވެ.
އާރުޓީއެލްގެ ހިދުމަތްތައް އެންމެ ފަހުން ފެށީ މިއަދު، އައްޑޫ އަދި ފުވައްމުލަކާ ގުޅާލި ގއ. އަދި ގދ. އަތޮޅުގަ އެވެ. މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. އަތޮޅަށް ވަޑައިގެން ވިދާޅުވީ ދެން އެންމެ އަވަހަށް އާރުޓީއެލްގެ ހިދުމަތް ދޭން ފަށާނީ އެ އަތޮޅުގައި ކަމަށެވެ.
މި އަހަރު ނިމުމުގެ ކުރިން ނ. ގައި އެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު ފެށުނު ދެ އަތޮޅާއެކު މިވަގުތު އާރްޓީއެލްގެ ހިދުމަތް ދެނީ ހއ، ހދ، ށ، ޅ، ގއ، ގދ ގެ އިތުރުން އައްޑޫ އާއި ފުވައްމުލަކަށެވެ.













