މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލަތުގެ ސަބަބުން ގޭ ބަންދަށް ބަދަލުކޮށް ދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފައި ނެތް ކަމަށް ޕްރިޒަން ކޮމިޝަރު އަހުމަދު މުހައްމަދުފުޅު މިރޭ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓޫން ނިމެންދެން 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫނިމަނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިވަޑައިގެންފަ އެވެ. އެހެންވެ، ހައިކޯޓުގެ މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ އެ މައްސަލަ އެވެ.
ހައިކޯޓުގެ އަޑުއެހުމުގައި ޔާމީން މިއަދު ވިދާޅުވީ އެ މަނިކުފާނަކީ "ޖިސްމާނީ ނުކުޅެދުންތެރި ކަމެއް ހުރި މީހެއް" ކަމަށެވެ. އުނަގަނޑުގައި ރިއްސާ ކަމަށާއި، ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ކަސްރަތުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ބަލި ނުވާތީއެއް ނޫން، އަވަސް އަވަހަށް ހޮސްޕިޓަލަށް ނުދަނީ ވެސް،" ޔާމީން ވިދާޅުވި އެވެ.
ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ނުހޯއްދަވަނީ އާއިލާއަށް ހިތާމަ ތަހައްމަލު ކުރަން އެދިވަޑައިނުގަންނަވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޕްރިޒަން ކޮމިޝަނަރު "އަދަދު" ނޫހަށް ވިދާޅުވީ ގޭ ބަންދަށް ބަދަލު ކުރުމަށް ހުށަހެޅުމެއް އައިސްފި ނަމަ އޮންނަ އުސޫލުން އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.
"މި ފަހުން އެފަދަ ހުށަހެޅުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މިދުވަސްވަރު ޔާމީން މޫދަށް ވަޑައިނުގަންނަވަނީ މާފުށީ ބިން ހިއްކަމުން ދިޔުމުގެ ސަބަބުން ރަށުގެ މޫދު ކިލަނބު ވެފައިވާތީ އޭގެ ކުރިން ކަސްރަތުގެ ގޮތުގައި ގަވާއިދުން މޫދަށް ވަޑައިގަންނަވަމުން ގެންދެވި ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
ރައީސް ކަމުގައި ހުންނެވި ދުވަސްވަރު އެ މަނިކުފާނުގެ މައިބަދަ އާއި ބުރަކަށީގެ އާލާސްކަންފުޅެއް ހުރި ކަމަށް އަޑުފެތުރުނެވެ. ނަމަވެސް ސިއްހީ ހާލަތާ ގުޅޭ ގޮތުން އެ މަނިކުފާނު އޭރު ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވިއިރު، އެ މަސައްކަތް ކުރައްވަން ގޭބަންދަށް ބަދަލުކޮށް ދެއްވުމަށް ޔާމީން އެދިވަޑައިގެންނެވި ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. ނަމަވެސް އެ ހުށަހެޅުމަށް ގޮތެއް ނިންމުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބާތިލުކުރުމުން ގެއަށް ބަދަލުކުރުމުގެ ހުށަހެޅުން މަޑުޖައްސައިލި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށް ލުމުގެ އިތުރުން، ފަސް މިލިއަން ޑޮލަރުން ކުރި ޖޫރިމަނާ ހުކުމް ދެމިއޮތުމުގެ ސަބަބުން، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލިގެން ދިޔަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ނަމަވެސް، އެ ކޯޓުން ނިންމީ ޔާމީންގެ ކެންޑިޑެސީ ބާތިލުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.












