ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެރެން އިދިކޮޅު ޕީޕީއެމް/ޕީއެެންސީން ކުރި މަސައްކަތް ނާކާމިޔާބުވުމާ އެކު ޕީއެންސީގެ ކެންޑިޑޭޓްގެ ގޮތުގައި ނުކުންނެވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް، އެ ދެޕާޓީން އެންމެ ފަހުން ތާއީދުކޮށްފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭން ފަށަން ޕީޕީއެމް/ޕީއެންސީގެ މުޅި ލީޑަޝިޕް އެކީގައި ތިބެގެން ބާއްވާ ބައްދަލުވުމެއް ކަަމަށެވެ. ރިޔާސީ އިންތިހާބުގައި މުއިއްޒާ އެކު ކުރިއަށް ދާން ނިންމެނީ ރައީސް ޔާމީނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިރޭ އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ރައީސް ޔާމީނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން ބޭނުން. އެއީ މި ސަރުކާރުގެ އެ ނުރައްކާތެރި އަނިޔާގައި އެމަނިކުފާނު ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާ އިރު ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އަނިޔާއަށް ވުރެ ބޮޑަށް، މި ގައުމާ ރައްޔިތުންނަށް އިސްކަން ދެއްވައި، މި އިންތިހާބުގައި އަޅުގަނޑުމެން ވާދަކުރަން ފުރުސަރު ދެއްވި ދެއްވުން އެއީ އަޅުގަނޑުމެން އެމަނިކުފާނަށް ޝުކުރު ހައްގުވާ ކަމެއް ކަމަށް އަޅުގަނޑުމެން މި ދެކެނީ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
އެއާ އެކު ޕީޕީއެމް/ޕީއެންސީގެ އާއްމު މެމްބަރުންނަށް ދެއްވި މެސެޖަކީ މުއިއްޒާއި ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފަށް ޔާމީނުގެ ތާއީދު އޮތް ކަމުގެ މެސެޖެވެ. ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭނަށް އޭނާ ނަން ދެއްވީ ވެސް " ރައީސް ޔާމީން 2023" ގެ ނަމުންނެވެ. އެ ކެމްޕޭން ކުރިއަށް ދާއިރު ކެންޑިޑޭޓުންގެ ގޮތުގައި ތިއްބެވީ ޑރ.މުހައްމަދު މުއިއްޒާއި ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފު ކަމަށް އަބްދުއް ރަހީމް ވިދާޅުވީ އަލުން ބަލުން އެކަން އިއުލާނުކުރައްވާ ބީދައިންނެވެ.
"މިއީ ރައީސް ޔާމީން އެންޑޯޒްކުރައްވާފައި ތިއްބެވި ދެ ކެންޑިޑޭޓުން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ކެންޑިޭޑޭޓަކު ނެރޭނީ ޕީއެންސީގެ ކެންޑިޑޭޓެއް ކަމަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ނިންމީ ޕީޕީއެމްގެ ސެނެޓުންނެވެ. އެގޮތަށް ނިންމުމާ އެކު އޭރު އެޕާޓީގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި މުއިއްޒު ޕީއެެންސީއަށް ބަދަލުވެ ވަޑައިގެންނެވި އެވެ. ކެންޑިޑޭޓް ކަނޑައަޅަން ޕީއެންސީގެ ސެނެޓްގައި ނެގި ވޯޓް އޭނާ ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާ ވާދަކުރައްވައިގެންނެވެ.

ޖަލު ހުކުމެއް އޮތުމުން ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލުކުރަން އެމަނިކުފާނުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވުމާ އެކު ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނެރެން ޕީޕީއެމްގެ ލީޑަޝިޕުން އެހެން ނަމަ ވެސް ދެކޮޅު ހެދި އެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން އެދިވަޑައިގެން ޔާމީނު ފޮނުއްވި މެސެޖަކާ މެދު ގޮތެއް ނިންމަން ޕީޕީއެެމްގެ ސެނެޓްގައި ކުރި ހޫނު ބަހުސް ތަކަކަށް ފަހު ގޮތެއް ނުނިމި އޮއްވައި މުއިއްޒު ކެންޑިޑެސީ ފޯމް އީސީއަށް ހުށަހެޅުއްވި ފަހުން ވެސް ޕީޕީއެމްގެ ލީޑަޝިޕުން އޭނާއަށް ތާއީދުކުރާކަން ސާފުކޮށް ނުބުނެ ތިއްބެވެ.
އެހެން ނަމަވެސް އަބްދުއް ރަހީމް މިރޭ ވާހަކަދެއްކެވީ އިންތިހާބު ބޮއިކޮޓް ކުރުމުގެ ވިސްނުމެއް ޔާމީނު ނުގެންގުޅުއްވާ ކަމަށް ދޭހަވާ މޭރުމަކުންނެވެ.
"ފުރަތަމަ ކަމަކަށް ރައީސް ޔާމީނުގެ ވިސްނުން ފުޅުގައި ބޮއިކޮޓްކުރުން އޮތް ނަމަ ކީއްކުރަންތޯ އިތުރު ކެންޑިޑޭޓެއް ހޯއްދަވަންވީ؟ މާ ދުރާލައި ވިސްނަވައިގެން ޕްލޭން އޭ އާއި ބީ އާއި ސީ އޮތީ ހޯއްދަވާފައި،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
އެއަށް ފަހު، މުއިއްްޒާ އެކު ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ބުނީ މިހާރު ހިޔާލު އެއްގޮތް ކުރެވިފައިވާ ކަމަށެވެ.
އެކަން އެހާ ލަސްވީ ކީއްވެތޯ ނޫސްްވެރިން ސުވާލުކުރުމުން އަބްދުއް ރަހީމް ވިދާޅުވީ ޔާމީނު ފޮނުއްވި ނޯޓްގެ ސައްހަކަން ކަށަވަރުކުރަން ކަމަށެވެ.














