ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ނުކުމެވަޑައިގެންނެވުމުގެ ފުރުސަތު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ގެއްލިވަޑައިގެންނެވުމުން، އެ ޕާޓީން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީނު ހުށަހެޅުއްވި ހުށަހެޅުއްވުން ފާސް ނުކުރެވޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ނެރޭނީ ޕީއެންސީގެ ކެންޑިޑޭޓެއް ކަމަށް ނިންމައި އެގޮތުން ނެރޭނެ ކެންޑިޑޭޓަކަށް ޕީއެންސީގެ ސެނެޓުން ވަނީ މުއިއްޒު ހޮވައިފަ އެވެ. ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުން ބާތިލުކުރަން ޔާމީންގެ ފަރާތްޕުޅުން އޭރު އޮތީ ސުޕްރީމްކޯޓަށް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލަ ސުޕްރީމްކޯޓުން މިއަދު ނިންމީ ޔާމީނާ ދެކޮޅަށެވެ. އިންތިހާބު ބޮއިކޮޓްކުރަން އެދިވަޑައިގެން ޔާމީނު ފޮނުއްވި ކަމަށް ބުނާ ނޯޓެއް ޕީޕީއެމްގެ ސެނެޓަށް ލިބުނީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. އެ ނޯޓާ މެދު ގޮތެއް ނިންމަން ޕީޕީއެމްގެ ސެނެޓުން މިއަދު ބޭއްވި ބައްދަލުވުން ހަމަނުޖެހުމަކަށް ބަދަލުވެ، އެ ބައްދަލުވުން ވަނީ މެދުކަނޑާލައިފަ އެވެ.
ނަމަވެސް މިހާރު އަނެއްކާ ވެސް ބައްދަލުވުން ފެށިގެން އެބަ ކުރިއަށްދެ އެވެ. ގޮތެއް ނިންމާނީ އެއް ގަޑިއިރު ވަންދެން މައުލޫއަށް ބަހުސް ކުރުމަށްފަހު ކަމަށް ޕާޓީން ބުނެ އެވެ.
މުއިއްޒުގެ އަރިސް ބޭފުޅަކު "އަދަދު" އާ ވާހަކަ ދައްކަމުން އިންތިހާބު ބޮއިކޮޓް ކުރަން ސެނެޓުން ފާސް ނުކުރާނެ ކަމަށެވެ. އަދި ބުނީ ސެނެޓުގެ އަގުލަބިއްޔަތު އޮތީ މުއިއްޒާއެކު ކަމަށެވެ. އިންތިހާބު ބޮއިކޮޓް ކުރުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ޔާމީންގެ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު އަބްދުﷲ ނާޒިމް ވެސް ވިދާޅުވި އެވެ.

މީންގެ ކެންޑިޑެސީއާ ގުޅޭ ގޮތުން މިއަދު ސުޕްރީމް ކޯޓުން ނިންމީ، އެމަނިކުފާނަކީ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމުން ޝަރުތުހަމަނުވާ ކަމަށެވެ. އަދި އެމަނިކުފާނަށް ޑިސެމްބަރު 25، 2022 ގައި ކުރި ހުކުމުގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ކަނޑައަޅާފައިވީ ނަމަވެސް އެ ފައިސާ ނުދައްކާތީ، ސާބިތު ދަރަންޏެއް އޮތް ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.
ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަސް ނުވުމާއި އެމީހެއްގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަތުރުތަކުގެ ތެރެއިން ދެ ޝަރުތެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމެވެ. އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އިންތިހާބުގައި ވާދަ ކުރައްވަ އެވެ.












