އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެދިވަޑަައިގެންނެވުމުން އެކަމާ ބަހުސްކުރަން ޕީޕީއެމްގެ އޮފީހުގައި އެ ޕާޓީގެ ސެނެޓުން މިއަދު ބޭއްވި ބައްދަލުވުން ހޫނުވެ، ހަމަނުޖެހުމަކަށް ބަދަލު، އަމަން ގާއިމް ކުރަން ފުލުހުން ނުކުމެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން ހޫނުވީ ޔާމީނުގެ ހުށަހެޅުއްވުމާ މެދު ބަހުސް ނުކޮށް ވޯޓަށް އަހަން ޔާމީނުގެ ސަޕޯޓަރުން އެދުމުން، އެކަމާ ބައެއް ސެނެޓަރުން ދެކޮޅު ހެދުމުންނެވެ. ބައެއް ސެނެޓަރުން އެދުނީ އިންތިހާބު ބޮއިކޮޓްކުރުމާ މެދު ވޯޓަށް އެހުމުގެ ކުރިން އެކަމާ ބަހުސްކުރާށެވެ.
ޕީޕީއެމްގެ އޮފީހުން އެދުމުން ސްޕެޝަލް އޮޕަރޭޝަންސް ފުލުހުން މިހާރު ދަނީ އެ އޮފީހުގައި ހަރަކާތްތެރިވަމުންނެވެ. ސެނެޓު ބައްދަލުވުން މިހާރު އޮތީ މެދުކަނޑާލައިފަ އެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "އަދަދު" ގެ ނޫސްވެރިން ބުނީ ޕީޕީއެމްގެ އޮފީސް ހުރީ މިހާރު ތަޅުލާފައި ކަމަށެވެ. އޮފީހުގެ ތެރޭގައި ޕާޓީގެ ލީޑަޝިޕްގެ މެމްބަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެހެން ނަމަވެސް ސެނެޓުގެ ބައްދަލުވުން އަލުން ފެށޭނެ ވަގުތެއް ނޭނގެ އެވެ.
އެކަމަކު، އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ހުށަހެޅުއްވި ހުށަހެޅުމަށް އެއް ގަޑިއިރު ވަންދެން ބަހުސް ކުރަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ. އެހެންކަމުން ކުޑައިރުކޮޅެއްގެ ތެރޭގައި އަލުން އެ ބައްދަލުވުން ފެށޭނެ ކަމަށް ބެލެވެ އެވެ.

އިންތިހާބު ބޮއިކޮޓް ކުރަން އެންމެ ބޮޑު އިދިކޮޅު ޕާޓީން ގޮވާލިއިރު ޔާމީންއަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމަށް ފުރުސަތެއް ދޭން އެ ޕާޓީން ސުޕްރީމް ކޯޓުގައި އެދުނެވެ. އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާގެ ނިޔަލަށް ހަމަވާއިރު، ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ނިކުންނެވުމަށް ޕީއެންސީގެ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ތައްޔާރަށެވެ.
ޔާމީންގެ ކެންޑިޑެސީއާ ގުޅޭ ގޮތުން މިއަދު ސުޕްރީމް ކޯޓުން ނިންމީ، އެމަނިކުފާނަކީ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމުން ޝަރުތުހަމަނުވާ ކަމަށެވެ. އަދި އެމަނިކުފާނަށް ޑިސެމްބަރު 25، 2022 ގައި ކުރި ހުކުމުގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ކަނޑައަޅާފައިވީ ނަމަވެސް އެ ފައިސާ ނުދައްކާތީ، ސާބިތު ދަރަންޏެއް އޮތް ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.
ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަސް ނުވުމާއި އެމީހެއްގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަތުރުތަކުގެ ތެރެއިން ދެ ޝަރުތެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމެވެ. އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އިންތިހާބުގައި ވާދަ ކުރައްވަ އެވެ.













