ކުރީގެ ރައީސް އަބްދުﷲ ޔާމީީންގެ ޖޫރިމަނާ ފައިސާ ދައްކުމަށް މީރާއިން ފޮނުވި ޗިޓު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ސުޕްރީމް ކޯޓުގައި ހެއްދެވީ އިތުރުފުޅެއްކަން ކެންޑިޑެސީގެ މައްސަލައިގައި މިއަދު ކުރި ހުކުމުން ހާމަވެއްޖެ އެވެ.
ޖަލު ހުކުމް އޮތުުމުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމުގެ ލިޔުން ހަވާލު ކުރި ފަހުން ޖޫރިމަނާ ފައިސާ ނުދައްކައި އޮތަތީ، އެއީ ސާބިތު ދަރަންޏެއް ނުދައްކައި އޮތުން ކަމަށް ބަލައި ކެންޑިޑެސީ ބަލައިނުގަންނަ ސަބަބުތަކުގެ ތެރޭގައި އެކަން ވެސް ހިމަނައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޔާމީނަށް ލިޔުމެއް ފޮނުވައިފަ އެވެ.
ޔާމީންގެ ފަރާތުން ދެކޭ ގޮތުގައި އެ ޖޫރިމަނާ ފައިސާ ސާބިތު ދަރަންޏަކަށް ވާނީ އެ ފައިސާ ނުދެއްކުމުން، އެ ފައިސާ ހޯދަން މީރާއިން ސިިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން އެ ފައިސާ ދައްކަން ހުކުމް ކުރުމުންނެވެ. އަދި, ޔާމީންގެ ފަރާތުން ހުކުމް އިސްތިއުނާފު ކުރުމުން މައްސަލައިގައި ނިހާއީ ހުކުމެއް އަންނަންދެން އެ ފައިސާ އަކީ ދައްކަން ޖެހޭ ފައިސާއެއް ކަމުގައި ނުބެލޭނެ ކަމަށް ދެކެ އެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ ޖޫރިމަނާގެ ފައިސާ ނުދައްކައިގެން މީރާއިން ޗިޓު ފޮނުވި ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އެހެން ވިދާޅުވުމުން، ތެދުވެވަޑައިގެން ޔާމީން އެ ދުވަހު ވިދާޅުވީ، އެފަދަ އެއްވެސް ޗިޓެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އޭގައި ސޮއިކޮށް އެފަދަ އެއްވެސް ކަމެއް ވެސް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ހަ މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ނުދެއްކުުމުން މީރާއިން އެ ފައިސާ ދައްކަން އަންގައި ޔާމީނަށް ލިޔުމެއް ފޮނުވާފައިވާކަން މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ލިޔުން ޔާމީނަށް ލިބިވަޑައިގެންނެވިކަން ވެސް އެނގެން އޮތްކަން ފާހަގަކުރެއްވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުން މިއަދު ވަނީ ޔާމީން ހެއްދެވީ އިތުރުފުޅެއްކަން ހާމަވެފަ އެވެ. އެ ހަ މަސް ދުވަސް ފާއިތުވިއިރު ޔާމީން ފައިސާ ދައްކަވާފައި ނުވާތީ މީރާގެ ނޯޓިސްއެއް އެމަނިކުފާނަށް އެ ފައިސާ ދައްކަން އެންގިކަން ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ.
"އެ ލިޔުން އަބްދުالله ޔާމީން ބަންދުކޮށްފައިވާ ޖަލަށް ފޮނުވައި އޭނާއާ ހަވާލު ކުރުމަށް ގެންދިޔުމުން އެ ލިޔުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމާ ހަވާލުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރުންގެ ގާތުގައި އެދިފައިވާ ކަމުގައި އެ އިދާރާގެ 6 ޖުލައި 2023 ގެ އިގުރާރުގައި ބަޔާންވެފައިވޭ. އެ ލިޔުމުގައި އަބްދުالله ޔާމީން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ," ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ބަޔާންކޮށްފައިވެ އެވެ.
ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ކަމަށް ބެލޭނެ ކަމަށެވެ.
ސާބިތު ދަރަންޏަކީ ކޯޓުގެ ހުކުމެއްގެ ސަބަބުން އެއް ފަރާތުން އަނެއް ފަރާތަކަށް ދައްކަން ލާޒިމުވާ ފައިސާ ކަމަށެވެ. އަދި އެ ފައިސާއަކީ ދަރިންގެ ހަރަދު ކަމަށް ވިޔަސް، މައިންބަފައިން ބެލުމުގެ ހަރަދު ވިޔަސް، އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައަޅާ ފައިސާ ވިޔަސް އެއީ ސާބިތު ދަރަންޏެއް ކަމަށް ބަލާނެ ކަމަށެވެ. ކޯޓުގެ ހުކުމަކުން ލައްވާ ފައިސާގެ ނަން ތަފާތުވުމަކުން އޭގެ ގާނޫނީ ނަތީޖާ ތަފާތުނުވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ހުރިހާ ފަަނޑިޔާރުން ވެސް ތާއީދު ކުރެއްވި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވަނީ، ކޯޓަކުން ޖޫރިމަނާގެ އަދަބެއް ކަނޑައަޅައި ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދައްކަން އަންގާފައި ވަނިކޮށް އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އެ ފައިސާ ވެގެންދާނީ ސާބިތު ދަރަންޏަކަށް ކަމަށެވެ.
"ޖިނާއީ ކޯޓަކުން ވަކި ގޮތަކަށް އަމަލު ކުރުމަށް ޖިނާއީ އުގޫބާތެއްގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާގެ ފައިސާއާ މެދު މަތީ މަރުހަލާގެ ކޯޓަކުން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައި ނުވާ ހާލަތުގައި ކޯޓަށް ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްނުކުރުމުގެ ނަތީޖާއަކީ އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏަކަށް ވެގެން ދިޔުން،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
"އެ ޖޫރިމަނާ ނުދައްކާހާ ހިނދަކު އެއީ އޭނާގެ ކޮނޑުގައި އެޅިފައި އޮތް ސާބިތު ދަރަންޏެއް،"
ހުކުމުގައި ވަނީ ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވުމުން ޔާމީންގެ ސާބިތު ދަރަންޏެއް އޮތް ކަމަށް ބަލައި ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށެވެ.
އޭގެ އިތުރުން، ޖަލުގައި ތިބޭ މީހުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެވޭނެ ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި އޮންނާތީ އިލެކްޝަނުން އެ ސަބަބު ވެސް ޔާމީނަށް ފަހުން ފޮނުވި ލިޔުމުގައި ބަޔާން ކުރި އެވެ. އެހެންނަމަވެސް، އެ ނުކުތާ ފަހުން ދޫކޮށްލުމުން އެކަމާ މެދު މިއަދު ހުކުމުގައި ވަކި ގޮތެއް ނުނިންމަ އެވެ.
ކެންޑިޑެސީގެ މައްސަލަ ޔާމީންގެ ފަރާތުން ހުށަހެޅީ އެމަނިކުފާނުގެ ޖަލު ހުކުމަކީ ނިހާއީ ހުކުމެއް ނޫން ކަމުން އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ފުރިހަމަވެ، ވާދަ ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ބުނެ އެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން މިއަދު ނިންމީ ނިހާއީ ހުކުމެއް އޮންނަން ނުޖެހޭނެ ކަމަށާއި ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަނުން ނިންމީ ރަނގަޅަަށް ކަމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އިންތިހާބަށް ކުރިމަތިލުމަށް ޔާމީންގެ ޝަރުތު ހަމަ ނުވާ ކަމަށް އެ ކޯޓުން ނިންމީ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.












