ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ ހުކުމް ކުރުން ސުޕްރީމް ކޯޓުގައި މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މައްސަލައިގެ ހުކުމާ ހަމައަށް ގޮސްފައިވާއިރު، ހުކުމް ކުރުމުގެ މަޖިލިސް މާދަމާ ހެނދުނު 09:30 ގައި ބޭއްވުމަށް ކޯޓުން ނިންމައި ޗިޓު ވަނީ ފޮނުވާފަ އެވެ.
އެ މަައްސަލައަށް ސުޕްރީމް ކޯޓުން ވަނީ ބަންޑާރަ ނައިބުގެ އޮފީސް ތަދައްހުލުކޮށްފަ އެވެ. އަދި ޕީޕީއެމްއިން މައްސަލައަށް ތަދައްހުލުވާން އެދުމުން އެ ފުރުސަތު ޕާޓީއަށް ވަނީ ދީފަ އެވެ.
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރަން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ. ޔާމީންގެ ފަރާތުން ދެކޭ ގޮތުގައި އާރަށު މައްސަލައިގައި ނިހާއީ ހުކުމެއް ނެތުމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ.

ނިހާއީ ހުކުމެއް ކަމަށް ބަލާނީ މައްސަލައެއް ދަށު ކޯޓުން ނިންމުމުން މަތީ މަރުހަލާގެ ދެ ކޯޓުން އެކަމާ މެދު ގޮތެއް ނިންމައި ހުކުމް ކުރުމުންނެވެ. އެންމެ މަތީ މަރުހަލާ ސުޕްރީމް ކޯޓުން މައްސަލަ ބަލައި ނުނިމުނަސް، އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވާނެ އެވެ.
ޔާމީނުގެ ފަރާތުން ހުށަހަޅާ މައި ނުކުތާއަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި އޮންނަ ޝަރުތުގައި ބަޔާންކުރާ ހުކުމަކީ ނިހާއީ ހުކުމެއް ގޮތަށް ސުޕްރީމް ކޯޓުން މާނަކޮށްދިނުމަށެވެ.
އޭގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތަކީ، ޖިނާއީ ކުށެއްކުރި ކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
ޔާމީނަށް ވާދަނުކުރެވޭ ހާލަތަކަށް ތައްޔާރުވުމަށް ޕީޕީއެމް/ޕީއެންސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރެން ސެނެޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި އެވެ. ހަމަ އެ ދުވަހު ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއަށް ގުޅިވަޑައިގަތް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ސެނެޓު މެދުވެރިކޮށް ނެގި ޕްރައިމަރީ ވެސް ކާމިޔާބު ކުރައްވައިފަ އެވެ.
ނަމަވެސް އެ ކެންޑިޑޭޓަކީ ޕީޕީއެމްގެ އެންމެ ފަހު ޕްލޭން ކަމަށާއި، ޔާމީނަށް ވާދަނުކުރެވޭ ނަމަ ފުރަތަމަ މަސައްކަތް ކުރާނީ އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓަށް، ޕީޕީއެމުން އެންޑޯޒް ދިނުމަށް ވެސް މިހާތަނަށް ނިންމާފައި ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.











