އާދަޔާ ހިލާފަށް މާލެ ސަރަހައްދަށް އުދަ އަރަމުންދާތީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އެދިއްޖެ އެވެ.
މިއަދު މެންދުރުން ފެށިގެން މާލޭ އިރުމަތީ ފަރާތު ރާޅުގަނޑާއި ސިނަމާލެ ބްރިޖު ހިމެނޭ ސަރަހައްދަށް ބޮޑެތި ރާޅުތައް އަރައި މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. އުދައިގެ ރާޅާއެކު ވެއްޔާއި ގާ ވެސް ވަނީ ވަރަށް ބޮޑަށް އެއްގަމަށް އަރާފަ އެވެ.
ހަމައެހެންމެ, ސިނަމާލެ ބްރިޖާއި ހުޅުލެ ގުޅޭ ސަރަހައްދުން ދަތުރުކުރަމުން ދިޔަ މީހުންތަކެއް ވެސް ރާޅެއް ޖެހި ވަގުތު ވެހިކަލުން ވެއްޓި ކަހާލައިގެން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. އެ ހާދިސާގައި މީހަކަށް ގެއްލުމެއްވި ކަމެއް މިހާތަނަށް އެނގިފަ ނުވެ އެވެ.
މި އުދައިގެ އަސަަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކޮށްފައިވޭތޯ "އަދަދު" ނޫހުން އެދުމުން އެއާޕޯޓުގެ އޮޕަރޭޝަންތައް އާދައިގެ މަތިން ކުރިއަށްދާކަން ވީއައިއޭގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދީފަ އެވެ.

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އުދައިގެ އަސަރުކުރާނެކަން ހާމަކޮށް މެޓް އޮފީހުން ވަނީ ހުދު ސަމާލެއް ވެސް ނެރެފަ އެވެ.











