ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުން މީރާއިން ނޯޓިސް ފޮނުވާފައިވާ ކަމަށް، އެޓާނީ ޖެނެރަލްގެ ވަކީލު ފާތިމަތު ހަލީމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމް އޮތުުމުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމުގެ ލިޔުން ހަވާލު ކުރި އިރު ފުރަތަމަ ސާބިތު ދަރަންޏެއް އޮތް ކަމުގެ ސަބަބެއް ހިމަނާފައި ނުވެ އެވެ. ފަހުން ޖޫރިމަނާ ފައިސާ ނުދައްކައި އޮތަތީ، އެއީ ސާބިތު ދަރަންޏެއް ނުދައްކައި އޮތުން ކަމަށް ބަލައި ކެންޑިޑެސީ ބަލައިނުގަންނަ ސަބަބުތަކުގެ ތެރޭގައި އެކަން ވެސް ހިމަނައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޔާމީނަށް ލިޔުމެއް ފޮނުވައިފަ އެވެ.
އެކަމަކު، ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ހުށަހެޅި ކެންޑިޑެސީގެ މައްސަލައިގެ ތެރެއިން ޔާމީންގެ ފަރާތުން ސާބިތު ދަރަނީގެ އެ ނުކުތާ ހުށަހަޅާފައި ނެތުމުން، އެކަން ޝަރީއަތުގައި ފެންމަތިވެ ސާބިތު ދަރަންޏަކީ ކޮބާ ކަމާ މެދު ބަހުސް ކުރެވުނެވެ. ޔާމީންގެ ފަރާތުން ބުނަމުން ދިޔައީ މީރާއިން އެފަދަ ނޯޓިސްއެއް ފޮނުވާފައިވާ ކަމަށް ނެތް ކަމަށެވެ.
އެ ބަހުސް ނިމިގެން، އެހެން ނުކުތާތަކަށް ވާހަކަ ދެކެވެމުން ދަނިކޮށް އެޓާނީ ޖެނެރަލްގެ ވަކީލު ފުރުސަތަކަށް އެދިވަޑައިގަތެވެ. އެ ފުރުސަތުގައި އޭނާ ފާހަގަ ކުރެއްވީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު، ޖޫރިމަނާ ފައިސާ ނުލިބިގެން މީރާއިން ނޯޓިސް ފޮނުވި ކަމުގެ ލިޔުން މިހާރު ލިބިފައިވާ ކަމެވެ.
"މި ތަނުގައި ދެކެވުނު މީރާގެ ނޯޓިސްގެ ވާހަކަ ފަނޑިޔާރުގެ ސަމާލު ކަމަށް ގެނެސްދޭން، މި ނޯޓިސް އަޅުގަނޑު މިހާރު ވަނީ ލިބިފައި، އަޅުގަނޑު މި ކޯޓަށް ނޯޓިސްގެ ކޮޕީއެއް ފޮނުވާނަން، އެ ނޯޓިސްގައި އެބަ އޮވޭ ކްރިމިނަލް ކޯޓުގެ ޗިޓު ނަންބަރަކަށް ވެސް ހަވާލާދީފައި، އަޅުގަނޑަށް ހީވަނީ އެއީ ހުކުމު ކުރެވުނު އިރު ފޮނުވުނު ޗިޓު،" ފާތިމަތު ހަލީމް ވިދާޅުވި އެވެ.

ޔާމީން ރައްދުގައި އަނެއްކާ ވެސް ވިދާޅުވީ މީރާއިން ފޮނުވި ނޯޓިސްއެއް އެމަނިކުފާނަށް އަދި އެމަނިކުފާނުގެ ވަކީލުންނަށް ލިބިފައިނުވާ ކަމަށެވެ.
ޔާމީންގެ ފަރާތުން ދެކޭ ގޮތުގައި އެ ޖޫރިމަނާ ފައިސާ ސާބިތު ދަރަންޏަކަށް ވާނީ އެ ފައިސާ ނުދެއްކުމުން، އެ ފައިސާ ހޯދަން މީރާއިން ސިިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން އެ ފައިސާ ދައްކަން ހުކުމް ކުރުމުންނެވެ. އަދި, ޔާމީންގެ ފަރާތުން ހުކުމް އިސްތިއުނާފު ކުރުމުން މައްސަލައިގައި ނިހާއީ ހުކުމެއް އަންނަންދެން އެ ފައިސާ އަކީ ދައްކަން ޖެހޭ ފައިސާއެއް ކަމުގައި ނުބެލޭނެ ކަމަށް ދެކެ އެވެ.
އެކަމަކު، އީސީން ދެކޭ ގޮތުގައި ޖޫރިމަނާ ކުރުމުން އެއީ ދައުލަތަށް ދައްކަން ޖެހޭ ފައިސާއަކަށް ވާތީ އެއީ ސާބިތު ދަރަންޏެއް ކަމަށް ބެލެވޭނެ އެވެ.
މިއަދު ސުޕްރީމް ކޯޓުގައި އެކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ފަސް މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމާ މެދު ދެބަސްވުމެއް ނެތް ކަމަށެވެ. އެކަމަކު، އެ ފައިސާ ދައްކަން ޖެހޭ އެންމެ ފަހު ތާރީހު އެއްވެސް އިދާރާއަކުން އަންގާފައި ނެތް ކަމަށް ވިދާޅުވި އެވެ.
"ހުކުމެއް އެބަ އޮތް، އެ ހުކުމުގައި ފައިސާ ދައްކަން ޖެހޭކަން އެބަ އެނގޭ. އެކަމަކު ނޭނގޭ އެއްޗަކީ ހުކުމުގައި އެ ބުނާ މުއްދަތު ގުނާ ދުވަހާއި ބަންދު ދުވަސްތައް ކަނޑާފައި ޖޫރިމަނާގެ މުއްދަތު، ދައްކަން ޖެހޭ އެންމެ ފަހު ތާރީހު ނޭނގެނީ. އެ ތާރީހު އަޅުނޑުމެންނަށް އަންގަވާ ފަރާތަކީ ދައުލަތުގެ ކޮންމެވެސް ފަރާތެއް. މިހާތަނަށް އަންގަވަމުން ގެންދަވަނީ މީރާއިން،" ޔާމީން ވިދާޅުވި އެވެ.
މިއަދު ހަވީރު 4:00 ޖަހާއިރުން ފެށިގެން ރޭގަނޑު 11:30 ވަން ދެން އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ފަހު، ދެން އޮންނާނީ ހުކުމް ކަން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އިއުލާން ކުރެއްވި އެވެ.
މިއީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބަލާ މައްސަލައެކެވެ.













