ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދެއްކުމުގެ ގަސްތެއް ނެތް ކަމަށާއި ނޭނގެނީ އެ ފައިސާ ދައްކަން ޖެހޭ ފަހު ތާރީހު ކަމަށް ޔާމީން މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމް އޮތުުމުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމުގެ ލިޔުން ހަވާލު ކުރި ފަހުން ޖޫރިމަނާ ފައިސާ ނުދައްކައި އޮތަތީ، އެއީ ސާބިތު ދަރަންޏެއް ނުދައްކައި އޮތުން ކަމަށް ބަލައި ކެންޑިޑެސީ ބަލައިނުގަންނަ ސަބަބުތަކުގެ ތެރޭގައި އެކަން ވެސް ހިމަނައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޔާމީނަށް ލިޔުމެއް ފޮނުވައިފަ އެވެ.
އެކަމަކު، ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ހުށަހެޅި ކެންޑިޑެސީގެ މައްސަލައިގެ ތެރެއިން ޔާމީންގެ ފަރާތުން ސާބިތު ދަރަނީގެ އެ ނުކުތާ ހުށަހަޅާފައި ނެތުމުން، އެކަން ޝަރީއަތުގައި ފެންމަތިވެ ސާބިތު ދަރަންޏަކީ ކޮބާ ކަމާ މެދު ބަހުސް ކުރެވުނެވެ.
ޔާމީންގެ ފަރާތުން ދެކޭ ގޮތުގައި އެ ޖޫރިމަނާ ފައިސާ ސާބިތު ދަރަންޏަކަށް ވާނީ އެ ފައިސާ ނުދެއްކުމުން، އެ ފައިސާ ހޯދަން މީރާއިން ސިިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން އެ ފައިސާ ދައްކަން ހުކުމް ކުރުމުންނެވެ. އަދި, ޔާމީންގެ ފަރާތުން ހުކުމް އިސްތިއުނާފު ކުރުމުން މައްސަލައިގައި ނިހާއީ ހުކުމެއް އަންނަންދެން އެ ފައިސާ އަކީ ދައްކަން ޖެހޭ ފައިސާއެއް ކަމުގައި ނުބެލޭނެ ކަމަށް ދެކެ އެވެ.
އެކަމަކު، އީސީން ދެކޭ ގޮތުގައި ޖޫރިމަނާ ކުރުމުން އެއީ ދައުލަތަށް ދައްކަން ޖެހޭ ފައިސާއަކަށް ވާތީ އެއީ ސާބިތު ދަރަންޏެއް ކަމަށް ބެލެވޭނެ އެވެ.

މިއަދު ސުޕްރީމް ކޯޓުގައި އެކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ފަސް މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމާ މެދު ދެބަސްވުމެއް ނެތް ކަމަށެވެ. އެކަމަކު، އެ ފައިސާ ދައްކަން ޖެހޭ އެންމެ ފަހު ތާރީހު އެއްވެސް އިދާރާއަކުން އަންގާފައި ނެތް ކަމަށް ވިދާޅުވި އެވެ.
"ހުކުމެއް އެބަ އޮތް، އެ ހުކުމުގައި ފައިސާ ދައްކަން ޖެހޭކަން އެބަ އެނގޭ. އެކަމަކު ނޭނގޭ އެއްޗަކީ ހުކުމުގައި އެ ބުނާ މުއްދަތު ގުނާ ދުވަހާއި ބަންދު ދުވަސްތައް ކަނޑާފައި ޖޫރިމަނާގެ މުއްދަތު، ދައްކަން ޖެހޭ އެންމެ ފަހު ތާރީހު ނޭނގެނީ. އެ ތާރީހު އަޅުނޑުމެންނަށް އަންގަވާ ފަރާތަކީ ދައުލަތުގެ ކޮންމެވެސް ފަރާތެއް. މިހާތަނަށް އަންގަވަމުން ގެންދަވަނީ މީރާއިން،" ޔާމީން ވިދާޅުވި އެވެ.
ސާބިތު ދަރަންޏަކީ ވަކި އެއްޗެއް ކަމަށާއި އެއީ ދަރަނި ނުވަތަ ޖޫރިމަނާ ހޯދުމަށްޓަކައި ސިވިލް ކޯޓަށް ދާ ގޮތަށް އޮންނަ ކަމެއް ވެސް ޔާމީން ވިދާޅުވި އެވެ. އަދި އެ ފައިސާ ނުދައްކައިގެން ސިވިލް ކޯޓަށް މައްސަލައެއް ވެއްދި ވާހަކައެއް ވެސް ނުދައްކާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު މި ފައިސާ ނުދެއްކުމުގެ އެއްވެސް ގަސްތެއް އޮތީކީ ނޫނޭ. މިކަން ކުރަންވާ އުސޫލުން އަޅުގަނޑާ ހަމައަށް ނޯޓިފިކޭޝަން އައިސްފައި ނެތީ، އަދި ކޯޓަށް ވައްދާ މައްސަލައެއްގެ ވާހަކައެއް ވެސް ނުދައްކާ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، އާރަށުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ވަރަށް އަވަހަށް ނިންމާލާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ބުނި ކަމަށެވެ.
އެހެންވެ، އިންތިޒާރު ކުރަމުން ދިޔައީ ހައި ކޯޓުގެ ހުކުމަކަށް ކަމަށާއި ހައި ކޯޓުން އަވަހަށް މައްސަލަ ނިމި، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ޖެހުމުގެ ކުރިން ހުކުމުން ސަލާމަތްވާނެ ކަމަށް ގަބޫލުކުރެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.
އެކަމަކު، މައްސަލައިގެ ހުކުމުގެ ކުރިން އެންމެ އަޑުއެހުމަކަށް ވެފައި ވަނިކޮށް، ހައި ކޯޓުން އަޑުއެހުންތައް ހުއްޓާލީި ކަމަށް ޔާމީން ވިދާޅުވި އެވެ. މިހާރު ސުޕްރީމް ކޯޓަށް ކެންޑިޑެސީގެ މައްސަލަ ވައްދަން ޖެހޭ ހިސާބަށް ދިޔައީ ވެސް އެހެންވެ ކަމަށް ޔާމީން ވިދާޅުވި އެވެ.












