ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވުމުގެ ފުރުސަތު ގެއްލޭ ހާލަތެއްގައި، އެ ޕާޓީން އެހެން ކެންޑިޑޭޓެއް ނެރެން އިތުރު ވަގުތު ދީފި ނަމަ ގާނޫނުގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރަން ހުރަސް އެޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅަން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެމަނިކުފާނު އެދިވަޑައިގެންނެވީ ކޯޓުން އެގޮތަށް ނުނިންމާ ހާލަތުގައި އެހެން ކެންޑިޑޭޓެއްގެ ނަން ހުށަހަޅަން އިތުރު ވަގުތު ދޭން އަމުރުކޮށްދިނުމަށެވެ.
ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް ގެންދާ އަޑުއެހުމުގައި އެ ހުށަހެޅުމަށް ޖަވާބު ދެއްވަމުން އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅަން އިތުރު ވަގުތު ދީދި ނަމަ ކެމްޕޭން ކުރަން ދޭން ޖެހޭ ވަގުތު ވެސް އިތުރުކުރަން ޖެހޭނެ ކަމަށެވެ. އެހާލަތުގައި އިންތިހާބު ބާއްވާ ތާރީހު ލަސްކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންތިހާބު ބާއްވާ ދުވަސް އިތުރަށް ފަސްކޮށްފި ނަމަ މުޅި ވޯޓާސް ލިސްޓް އަލުން އެކުލަވާލައި މުޅި އިންތިހާބު އަލުން ތަރުތީބުކުރަން ޖެހުމަކީ، ގާނޫނުގައި ބުނާ މުއްދަތަށް، ގާނޫނު އަސާސީގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކުރުމަށް ހުރަސް އެޅިދާނެ ކަމެއް،" ހަސަން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު ބާކީ އޮތީ ތިން ދުވަހެވެ. އެހެންކަމުން ޔާމީނަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ ސެނެޓުން ވަނީ އިއްޔެ ފާސްކޮށްފަ އެވެ. އަދި އެ ކެންޑިޑޭޓަކީ ޕީޕީއެމުން ވަކިވެ އިއްޔެ އެ ޕާޓީއާ ގުޅިވަޑައިގެންނެވި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް ކަނޑައެޅި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 އެއްގަ އެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30 އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280،000 އަށް އަރަ އެވެ.












