ހޮނިހިރު ދުވަހުގެ ރޭ ނާޒިމްގެ ރަނިން މޭޓު އިއުލާނު ކުރަނީ

އެމްއެންޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް

އެމްއެންޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމްގެ ރަނިން މޭޓު އިއުލާނު ކުރާ ޖަލްސާ މިރޭ ބާއްވާނެ ކަމަށް އެ ޕާާޓީން ބުނެފި އެވެ.

އެމްއެންޕީން މިއަދު ބުނި ގޮތުގައި، އެ ޕާޓީގެ ރަނިންމޭޓު އިއުލާނު ކުރާ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ބިލަބޮން އިންޓަނޭޝަނަލް ސްކޫލުގެ ހޯލްގައި ބާއްވާ ޖަލްސާއެއްގައި ކަމަށެވެ.

އަމިއްލަފުޅަށް އުފެއްދެވި އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމް ހޯއްދެވީ ނިމިދިޔަ ޖެނުއަރީ 14، ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުން ވޯޓަކާއި ނުލަ އެވެ.

މިހާތަނަށް ރިޔާސީ ކެންޑިޑޭޓުކަން އިއުލާނު ކުރައްވާފައިވާ މީހުންގެ ތެރެއިން އެއްވެސް މީހަކު ރަސްމީކޮށް ރަނިން މޭޓަކު އިއުލާނުކޮށްފައި ނުވެ އެވެ.

މިއީ، ރައީސް މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް، ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ސިފައިންނާއި ފުުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން 2011 ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހު ހިނގައިދިޔަ ކަންތައްގަނޑުގައި، ކުރިން ސިފައިންގެ ކާނަލެއްގެ މަގާމުގައި ހުންނެވި ނާޒިމް ބޮޑު ދައުރެއް އަދާކުރެއްވި އެވެ. އޭގެ ފަހުން، އޭނާ ވަޑައިގަތީ އަލަށް އުފެދުނު ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމަށެވެ.

ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ނާޒިމް ވަނީ ޕީޕީއެމް ރުހޭ ނަމަ، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މީގެ ކުރިން ހުށަހެޅުއްވި އެވެ. އެކަމަކު، ނާޒިމް ވެސް ހިމެނޭހެން މިހާރު އިދިކޮޅު ހުރިހާ ޕާޓީއެއްގެ ވެސް ވިސްނުން ހުރީ ފުރަތަމަ ބުރުގައި ވަކިން ވަކިކުރާށެވެ.

މިހާތަނަށް އެއްވެސް ކެންޑިޑޭޓަކު ރަނިން މޭޓަކު އިއުލާނުކުރައްވާފައި ނުވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެކަމުގައި ގޮތެއް ނިންމަވައި، ހާމަކުރައްވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ރަނިން މޭޓު ވެސް ތިން ދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް އީވާ އަބްދުﷲ ހަމަޖައްސަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު ޕީޕީއެމް/ޕީއެންސީއަށް އަދި ރިޔާސީ ކެންޑިޑޭޓަކު ނުދެއްކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox