ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލުކޮށްފި އެވެ.
ރައީސްކަމަށް ކުރިމަތިލާ މީހުންގެ އެއް ޝަރުތުގެ ގޮތުގައި ގާނޫނު އަސާސީގައި އޮތީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ގާނޫނީ ޓީމުން ކޮމިޝަނުގެ މެންބަރުންނަށް ދިން ގާނޫނީ ލަފަޔަކީ، ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އެއްވެސް ކޯޓަކުން ބާތިލު ނުކޮށް ދެމިއޮތުމުން ގާނޫނު އަސާސީގައި ބަޔާން ކުރާ އެ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ހުށަހެޅި ކެންޑިޑެސީގެ މައްސަލަ މާދަމާ މެންދުރުފަހު 3:00 ޖަހާއިރަށް ތާވަލުކޮށް ޔާމީނުގެ ވަކީލުންނަށާއި އީސީއަށް ވެސް ވަނީ ނޯޓިސް ފޮނުވައިފަ އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި، ޔާމީން ރިޝްވަތު ނަންގައި އެ ފައިސާ ލޯންޑަކުރެއްވި ކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.

ޔާމީނަށް އިއްވާފައިވާ ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ ޝަރީއަތް ފަށައި ހަތަރު އަޑުއެހުމެއް ބޭއްވި އެވެ. އީދު ބަންދުގެ ފަހުން ބޭއްވުނީ އެންމެ އަޑުއެހުމެކެވެ. އެ ފަހުން، ފަނޑިޔާރުންގެ ޗުއްޓީ އޮތް ގޮތުން ހައި ކޯޓުގައި އެ ޝަރީއަތް ވަނީ މަޑުޖެހިފަ އެވެ.
ޔާމީންގެ އިސްތިއުނާފީ ހައްގުތަކާއި އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް، އިސްތިއުނާފު ޝަރީއަތް ލަސް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު މަތިން ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. ދެ ފަހަރު ވެސް ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.
ގާނޫނު އަސާސީގެ އެ މާއްދާ މާނަކުރުމާ މެދު ގާނޫނީ ބަހުސެއް ވެސް އެބަ އޮތެވެ. އެ މާއްދާގައި ބުނާ ހުކުމަކީ އިސްތިއުނާފީ މަރުހަލާތައް ނިމި ކަނޑައެޅޭ ނިހާއީ ހުކުމެއް ގޮތުގައި މާނަކުރަން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކެ އެވެ.
ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި، ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގައި މަޝްވަރާ ކޮށްފައިވެ އެވެ. އެ ކަމުގައި ވަކި ގޮތެއް ނިންމާފައި ނުވާއިރު، އޭގައި ފަހު ގޮތެއް ނިންމަވާނީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޔާމީން ކަމަށް ލީޑާޝިޕުން ވަނީ ބުނެފަ އެވެ.













