ޗައިނާގެ އެންމެ ކާމިޔާބު އެއް އެއާލައިން ކަމަށްވާ ސިޗުއާން އެއާލައިންސް ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފިއެވެ.
އަލުން ފެށި ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ އިއްޔެ 18:05 ގައެވެ. އެ ފްލައިޓުން 186 މީހުން ރާއްޖެއަށް އައެވެ.
ސިޗުއާން އެއަރލައިންއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފައިވަނީ ހަތް އަހަރަށްފަހުގަ އެވެ.
ޗައިނާގެ ޗެންގްޑޫއާއި ރާއްޖެއާ ދެމެދު ސިޗުއާން އިން ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ.
ޗައިނާގެ އެހެން ދެ އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެގޮތުން ބެއިޖިން ކެޕިޓަލް އިން ހަފުތާއަކު ޗާޓާ ފްލައިޓެއް ބާއްވާއިރު، ޗައިނާ އީސްޓަން އެއާލައިނުން ކޮންމެ ހޮނިހިރު ދުވަހަކު ޝެޑިއުލް ދަތުރުތައް ކުރެއެވެ.

ވީއައިއޭއަށް ސިޗުއާން އެއާލައިން އަލުން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދީ ކުރިއެރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެ އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކުންފުނިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖެއާއި ގުޅުވާލުމަށް ގިނަ އެއާލައިންތަކަކަށް މަރުހަބާ ކިޔަމުންނެވެ. އަދި މި އަހަރު ފިނިމޫސުމަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާއިރު، އައު މަންޒިލްތަކުން ރާއްޖެއަށް ފްލައިޓްތައް އަންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އެގޮތުން އެމެރިކާގެ ވާޖިން އެޓަލާންޓިކް އަންނަ އޮކްޓޯބަރުގައި ލަންޑަން ހީތްރޯ އެއަރޕޯޓާއި ދެމެދު ދަތުރުތައް ފަށުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު ރާއްޖެއަށް ދުނިޔޭގެ ތިރީހަށް ވުރެ ގިނަ މަންޒިލުން ސާޅީހަށްވުރެ ގިނަ އެއަރލައިން ދަނީ އޮޕަރޭޓްކުރަމުންނެވެ.












