ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ހިދުމަތްކޮށްދެއްވި 148 މީހަކަށް ސަރުކާރުގެ ފަރާތުން ދޭ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މިއަދު ހަވާލުކޮށްފި އެވެ.
މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި އޮތް ރަސްމީ ޖަލްސާގައި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެވޯޑު ލިބުނު މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"މި ހުރިހާ ބޭފުޅުން ކުރެއްވި ހިދުމަތްތަކަކީ، އޭގެ އަގު ވަޒަންނުކޮށް ދޫކޮށްލެވިގެންވާނެ ހިދުމަތްތަކަކަށް ވެގެންނުވާނެ. އެބޭފުޅުންގެ ހަޔާތުގެ ވަރަށްބޮޑު ބައެއް ގައުމީ ހިދުމަތަށް ހުސްކުރައްވައި، ދިވެހި ގައުމަށްޓަކައި އެ ކުރެއްވި ބުރަ މަސައްކަތްތަކަކީ، ވެވަޑައިގެންނެވި ވަރަށް މަތިވެރި ގުރުބާނީއެއް ކަމަށް އަޅުގަނޑު ދެކެން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާ އަދި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ ބޭފުޅުންނަށް ސަރުކާރުގެ ފަރާތުން އިނާމު ދޭން ފެށީ 2021 ވަނަ އަހަރެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، 309 މީހަކަށް އެ އިނާމު އަރުވާފައިވެ އެވެ.

އަދި މިއަދު ބޭއްވި ޖަލްސާގައި 148 މީހަކަށް އިނާމު އަރުވާފައިވާއިރު މިހާތަނަށް މުޅި ޖުމްލަ 457 ބޭފުޅަކަށް މި އިނާމު ވަނީ އަރުވާފަ އެވެ.













