ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ކަމަށް ފެތުރިފައިވާ އަޑުތަކާ ހެދި އިދިކޮޅު ކޯލިޝަނުގެ އެތެރޭގައި އުފެދުނު އުދާސްތަކަށް އޭނާ ޖަވާބުދާރީ ވެވަޑައިގެންފި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައި އޮތީ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ނަމަވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރާތީ، އިލެކްޝަންސް ކޮމިޝަންއިން ބުނެފައިވަނީ ތަންފީޒުކުރަމުން ގެންދާ ހުކުމް ދެމިއޮތްހައި ހިނދަކު ޔާމީންގެ ކެންޑިޑެސީ ސައްހަ ނުވާނެ ކަމަށާއި އެކަން ބަލައި ވެސް ނުގަންނާނެ ކަމަށެވެ.
އެހެންވެ، ޕީޕީއެމްގެ އެތެރޭގައި ދިޔައީ ރިޔާސީ ޓިކެޓަށް ބޭނުންވާ ފަރާތްތަކުގެ ވާދަ ބޮޑުވަމުންނެވެ.
މޭޔަރު މުއިއްޒު ރަސްމީކޮށް އެއްބަސްވެވަޑައި ނުގެންނެވި ނަމަވެސް، ޔާމީނަށް ވާދަ ނުކުރެއްވޭނެ ހާލަތެއްގައި ރިޔާސީ ޓިކެޓު ހޯއްދެވުމަށް އެންމެ ބޮޑަށް ތައްޔާރުވެވަޑައިގެންފައިވަނީ އޭނާ އެވެ. އެކަން ޔާމީނަށް ވެސް އެނގިވަޑައިގަންނަވާތީވެ، މުއިއްޒާއެކު އެންމެ ގާތްކޮށް މަސައްކަތްކުރައްވާ ސިޓީ ކައުންސިލް މެމްބަރު އާދަމް ރަމީޒުގެ މައްސަލައެއް ޕާޓީތެރެއިން ބަލަން ފަށައި، އިސްތިއުފާ ދިނުމަށް އޭނާ އަށް މަޖުބޫރުކުރުވި އެވެ.
މުއިއްޒާމެދު ތުހުމަތުތައް ހުރިއިރު، އިއްޔެ އޭނާއަށް މަޖުބޫރުވީ ޔާމީނަށް ވަފާތެރިކަން އޮތް ކަމަށް ވިދާޅުވުމަށެވެ.

އެކަމަށްޓަކައި އެންމެ ފުރަތަމަ ޕްރެސް ކޮންފަރެންސް ބާއްވަން ތާވަލުކުރީ އިއްޔެ 14:30 އަށެވެ. މުއިއްޒުގެ އަމިއްލަ ގެ، ދިމްޔާތުގައި ބާއްވަން ހަމަޖެއްސި އެ ބައްދަލުވުމަށް ނޫސްވެރިންނަށް ދައުވަތު ފޮނުވުމަށް ފަހު، އެންމެ ފަހު ވަގުތުގައި ކެންސަލް ކުރީ، ގާނޫނީ ވަކީލުން މެދުވެރިކޮށް ޔާމީން އަންގަވައިގެން ކަމަށް "އަދަދު" ނޫހަށް އެނގިފައިވެ އެވެ.
އެއަށް ފަހު، ނޫސްވެރިންނާ ބައްދަލު ކުރެއްވުމުގެ ބަދަލުގައި މުއިއްޒުގެ ބަޔާން ދެއްވީ ޔާމީނަށް ތާއިދު ކުރާ ޓީވީ ސްޓޭޝަން، ޗެނަލް 13 ގައި ސްޓޫޑިއޯގަ އެވެ.
އެ މެސެޖުގައި އޭނާ ވިދާޅުވީ ޔާމީނަށް ތާއީދުކުރައްވާ ކުރެއްވުމަކީ ހަގީގަތެއް ކަމަށާއި އޭނާއާމެދު ކުރާ ތުހުމަތުތަކަށް ޖަވާބުދާރީ ނުވެ ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"މިހުރިހާ ވާހަކައެއް މި ދަންނަވަނީ އަޅުގަނޑުގެ ތާއީދު، އަޅުގަނޑު ރައީސަށް ސަޕޯޓްކުރާ ކުރުން، އެއީ ހަގީތަތްކަން، ސާބިތު ހިފޭ ހެކިތަކާ އެކީގައި ދެންނެވުމުގެ ގޮތުން، އެލިގޭޝަންސް ތަކަށް [ތުހުމަތުތަކަށް] އެއްވެސް ގޮތަކަށް ޖަވާބު ނުދީ އަބަދު ހުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެހާ ރަނގަޅުކަމަކަށް ނުވާތީ،" ކުރިން ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
ފެންނަ ފެނުމަށް ވަރަށް ނުތަނަވަސްކަމާއެކު އިންނަވައިގެން މުއިއްޒު ވިދާޅުވީ ޕީޕީއެމްއާއި އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އޮތް ގުޅުމުގެ ގާތްގަނޑަކަށް މުޅި ތާރީހެވެ. އޭނާ އަކީ ޔާމީނަށާއި ޕީޕީއެމްއަށް ވަފާތެރި ބޭފުޅެއްކަން ދޭހަވާ އެކި އެކި މުއާމަލާތްތަކުގެ ވާހަކަ ވަކިވަކިން ދައްކަވަން ފެށްޓެވުމުގެ ކުރިން އޭނާ ވިދާޅުވީ އޭނާއަށް އެކި ފަރާތްތަކުން ކުރާ ތުހުމަތުތަކާ ހެދި ބައެއް މެމްބަރުންގެ ތެރޭގައި ހިތް ނުތަނަވަސްކަން އޮތް ކަން ގަބޫލުކުރައްވާ ކަމަށެވެ.
"ބަޔަކު އަޅުގަނޑާ ބެހޭ ގޮތުން އަދި ސުވާލުތަކެއް ކުރިޔަކަސް އަދި ތުހުމަތުތަކެއް ކުރިޔަސް، އަޅުގަނޑުގެ ގަބޫލުކުރުމަކީ ، އަޅުގަނޑު ގަބޫލުކުރާ ގޮތަކީ އަޅުގަނޑު އެކަމަކަށް މާބޮޑަށް ޖަވާބުދޭކަށް ގަސްދެއް ނުކުރަމޭ. އެހެން ނަމަވެސް މިގޮތަށް މިހާ ގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑު އެއްވެސް ވަރަކަށް މިވާހަކަތައް ނުދައްކައި ހުރުމުން، ޕާޓީގެ މެމްބަރުންގެ ތެރޭގައި، ބައެއް މެމްބަރުންގެ ތެރޭގައި ހިތް ނުތަވަސްކަން އުފެދޭކަން ގަބޫލުކުރެވޭ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ އިލްތިމާސްކުރެއްވީ ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޔާމީން މިނިވަންކޮށް، އިންތިހާބުގައި އެ މަނިކުފާނަށް ވާދަ ކުރައްވަން ފުރުސަތު ލިބުން ކަމަށެވެ. އެހެންވެ، އެ މަނިކުފާނު މިނިވަންކުރަން ސަރުކާރަށާއި ޝަރުއީ ދާއިރާއަށް މުއިއްޒު ގޮވާލެއްވި އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް އެންމެ ފުރިހަމަ މާނައިގައި ރާއްޖެއަށް އޮތީ މިނިވަންކަން ލިބިފައި ކަމަށެވެ. އެގޮތުން މިއީ ހާރިޖީ މިނިވަންކަން ވެސް "އެންމެ ވަރުގަދަ ފަސް އަހަރު" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު. ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާޚިލީ މިނިވަންކަން އެންމެ ފުޅާ ގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު،" އެމަނިކުފާނު ވިދާޅުވި އެވެ.
ދުވަހުގެ ފޮޓޯ

ކުޑަކުދިންގެ މެދުގައި މަގުބޫލް ކެރެކްޓަ ރޮބޯމޭން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރައީސް އޮފީހުގައި ފޮޓޯއަކަށް ހުއްޓިގެން. މި ފޮޓޯ ނަގާފައިވާ ވަކި ތާރީހެއް ރައީސް އޮފީހުން ހާމައެއް ނުކުރޭ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު, ކުޑަކުދިންގެ މެދުގައި މަގުބޫލު ކެރެކްޓާ، ރޮބޯމޭންއަށް ލިބުނަސް، އޭނާއަކީ ކާކުކަން ހާމަނުކޮށް ވަނީ އިނާމާ ހަވާލުވެފައި. އިއްޔެ ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރޮބޯމޭންއަށް އިނާމު ދީފައި ވަނީ، ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާތީ. -- ފޮޓޯ : ރޮބޯމޭން










