ރާއްޖެ އޮތީ އަޅުވެތިކަމުގެ ވިލާގަނޑެއްގެ ދަށުގައި ކަމަށާއި، އަނބުރާ ރާއްޖެ ލިބޭނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ދީގެން ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
މިނިވަން ދުވަހާ ގުޅިގެން އިދިކޮޅުން ނެރުނު ނޫސްބަޔާނުގައި ބުނީ ރާއްޖެ އޮތީ "އަޅުވެތިކަމުގެ ވިލާގަނޑެއްގެ ދަށުގައި" ކަމަށެވެ. އަދި, "ރާއްޖެ އަނބުރާ ލިބޭނީ ރައީސް ޔާމީނަށް އަދިވެސް ވެރިކަން ދީގެން ކަމަށް" އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އިބްރާހީމް މުހައްމަދު ސާލިހު އިސްވެ ހުރެ އިންޑިއާގެ އަތްމައްޗަށް ގައުމު ދީލާލައި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިގެން ކުރަމުން މިގެންދާ ވެރިކަން ނިމުމަކަށް ގެނެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހީންގެ ގައުމު ދިވެހީންނަށް އަނބުރާ ހޯދޭނެ ގޮތެއް ނެތެވެ" އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެ އެވެ.
ދިވެހިންގެ މައްޗަށް އިންތިހާއަށް އިންޑިއާގެ ނުފޫޒު ފޯރާ ކަމަށް ތުހުމަތުކޮށް އެ ބަޔާނުގައި ވަނީ މިނިވަންކަން އިހްސާސްކުރެވޭތޯ ސުވާލުކޮށްފަ އެވެ.
ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމަށް އިދިކޮޅުން ކެމްޕޭން ފަށާފައިވާއިރު، އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުއްވަމުންނެވެ.

އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި މިދިޔަ މަހުގެ ތެރޭގައި ފެށި ނަމަވެސް، އީދު ބަންދަށް ފަހު ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ. ފުރަތަމަ ބެންޗުގައި ހިމެނޭ ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއިލީ ޒިންމާއެއްގައި ޗުއްޓީގައި ހުންނެވިއިރު، މިހާރު ފަނޑިޔާރު މުހައްމަދު ސަލީމް ހުންނެވީ ޗުއްޓީގަ އެވެ.
ޕީޕީއެމް/ޕީއެންސީން ޔާމީނަށް ރިޔާސީ ޓިކެޓު ދިން ނަމަވެސް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާފައިވާ ސަރަހައްދު ބަހައި، އިން ކަނޑައެޅުމާ އެކު އިދިކޮޅުން އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް، ސަރުކާރުގެ އިހުމާލުން ގެއްލިފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ.
އިދިކޮޅުން ބާއްވާ ސިލްސިލާ މުޒާހަރާތަކުގައި ވެސް އެންމެ ގަދައަށް ގޮވާލަމުން އަންނަ އެއް ކަމަކީ ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރައި ހޯދުމަށެވެ.
މީގެ ކުރިން އައްޑޫއާއި ޗާގޯސްއާ ދެމެދުގައި އޮންނަ ކަނޑުގެ ސަރަހައްދުގެ އައްޑޫއިން ފެށިގެން 90 މޭލު ބޭރަށް ނިކުންނަ އުޅަނދުފަހަރަށް އަސްކަރީ އުޅަނދުފަހަރުގެ އިންޒާރު ލިބޭކަމަށް ވެއެވެ. ނަމަވެސް މިހާރު ކަނޑުގެ އިން ވަކިކޮށް ރާއްޖޭގެ އުޅަނދުތަކަށް 188 މޭލަށް ދަތުރުކުރެވޭނެ އެވެ.











