އިދިކޮޅު ޕީޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ރަނިން މޭޓަކު ކަނޑައަޅަން ޕާޓީގެ ލީޑަޝިޕުން ނަންތަކެއް ފޮނުވަން އެދިވަޑައިގެންފައިވާތީ މިއަދު ތިން ނަމެއް ފޮނުވާނެކަން އެނގިއްޖެ އެވެ.
ނަންތަކެއް ފޮނުއްވަން ރައީސް ޔާމީނު އެދިވަޑައިގެންނެވި ނަމަވެސް އެކަން ނިންމެވުން އެމަނިކުފާނުގެ އިހުތިޔާރަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ޕީޕީއެމުން ރޭ ބުންޏެވެ. އެހެން ނަމަވެސް ވަރަށް އިތުބާރު ހުރި މަސްދަރަކުން "އަދަދު" އަށް އެނގިފައިވާ ގޮތުގައި ރަނިން މޭޓަކަށް ކަނޑައަޅަން ލީޑާޝިޕަށް ފެންނަ ތިން ނަމެއް އެޕާޓީން މިއަދު ފޮނުވާނެ އެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއޭމުން ޔާމީނަށް ފޮނުވާ ތިން ނަމަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު، ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ޣައްސާން މައުމޫނު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ނަމެވެ.
ޔާމީނުގެ ރަނިން މޭޓަކަށް ވާނެ ބޭފުޅަކާ ބެހޭ ގޮތުން އެކި ގޮތް ގޮތަށް އަޑުފެތުރޭތީ މީޑިއާ އިން ސުވާލުކުރުމުން ޕީޕީއެމްއިން ރޭ ބުނީ ރަނިން މޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިހުތިޔާރަކަށްވީ ނަމަވެސް، ލީޑަރޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން ލީޑަޝިޕްގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
"އެހެންނަމަވެސް، ރަނިންގމޭޓު ކަނޑައެޅުމަކީ ޕާޓިގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިހުތިޔާރަކަށް ވާތީ، ލީޑަރޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓް ބޭފުޅަކު ހިޔާރު ކުރެއްވުމަށް ދަންނަވަން ލީޑަރޝިޕްގެ އިއްތިފާގުން މިރޭ ނިންމާފައިވާތީ، އެވާހަކަ ދެންނެވީމެވެ. އެހެންކަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅިފައި ނުވޭ،" ޕީޕީއެމުން ރޭ މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ފޯމު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީން ކަމަށެވެ.













