ރިޔާސީ އިންތިހާބުގައި ވާދަކުރަން އެދޭ ފޯމު ހިއްޕަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވަން އެމަނިކުފާނުގެ ވަކީލުން މާފުށި ޖަލަށް ވަޑައިގެންނެވުމުން ކަރެކްޝަނަލް ސާވިސްއިން އެ ފުރުސަތު ނުދީ އަނބުރާ ފޮނުވާލައިފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު "އަދަދު" އަށް ވިދާޅުވީ ޔާމީނުގެ ވަކީލުން އެމަނިކުފާނާ ބައްދަލުކުުރުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސް އިން މިއަދު ނުދިނީ އެ ބޭފުޅުން ގެންދެވި ލިޔެކިއުންތައް ދައްކަވަން ދެކޮޅު ހެއްދެވުމުންނެވެ.
އެނގިފައިވާ ގޮތުގައި ޔާމީނުގެ ވަކީލުން އެމަނިކުފާނާ ބައްދަލުކުރައްވަން މިއަދު ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެދޭ ފޯމު ހިއްޕަވައިގެންނެވެ. އެހެން ނަމަވެސް ކޮމިޝަނަރު ވިދާޅުވީ ކަރެކްޝަނަލް ސާވިސް އަށް އެކަން ރަސްމީކޮށް އެނގިފައި ނުވާ ކަމަށެވެ.
"އޮފިޝަލީ އަންގައިފައެއް ނެތް އަޅުގަނޑުމެންނަކަށް. ދެން އަޅުގަނޑުމެންނަށް ވެސް އެހެން އެބަ އަޑު އިވޭ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން ތުހުމަތުކުރި ގޮތުގައި ޔާމީނުގެ ވަކީލުން އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ނުދިނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އެންގެވުމަކަށެވެ. އެކަން "ހަރުކަށިކޮށް ކުށްވެރިކުރާ" ކަމަށް ވެސް އެޕާޓީން ބުންޏެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި ލަސްވާތީ އެމަނިކުފާނުގެ އިންތިހާބީ ހައްގެއް އުނިވެފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް އެ ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.
އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި މިދިޔަ މަހުގެ ތެރޭގައި ފެށި ނަމަވެސް، އީދު ބަންދަށް ފަހު އަޑުއެހުމެއް ބޭއްވިފައެއް ނުވެ އެވެ. ފުރަތަމަ ބެންޗުގައި ހިމެނޭ ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއިލީ ޒިންމާއެއްގައި ޗުއްޓީގައި ހުންނެވިއިރު، މިހާރު ފަނޑިޔާރު މުހައްމަދު ސަލީމް ހުންނެވީ ޗުއްޓީގަ އެވެ.
ޕީޕީއެމް/ޕީއެންސީން ޔާމީނަށް ރިޔާސީ ޓިކެޓު ދިން ނަމަވެސް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވެ އެވެ. ނަމަވެސް, ޕީޕީއެމުން ބުނަމުންދަނީ އަދިވެސް އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ.













