ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު ކަމަށް ވުމަށް ޝައުގުވެރިކަން ނެތް ކަމަށް އެމަނިކުފާނު އެކުލަވާލާފައިވާ ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ޑެވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި ހައިކޯޓުގައި ސަން ޓްރެވަލްއާ ދެކޮޅަށް ހިނގަމުންދާ މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވުމަށް ފަހު މިރޭ ރާއްޖޭ ވަޑައިގެން ސިޔާމް ވަނީ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަމެއް ނެތް. އެހެން ނަމަވެސް އެކަން މަޖުބޫރުވާ ހާލަތުގައި ނުކުރާނެ ވާހަކައެއް ނޫން މި ދަންނަވަނީ," އެއާޕޯޓުގައި ނޫސްވެރިނާ ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ކެމްޕޭން ފަށައިގެން ކުރިއަށްދާއިރު, ސިޔާމް ގެންދަވަނީ ރައީސާއެކު ގިނަ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. ކެމްޕޭނުގައި މިހާތަނަށް 30 ރަށަށް ދެވިފައިވާއިރު, އަދި ރައީސްގެ ރަނިންމޭޓު ކަނޑައަޅާ, އިއުލާނެއް ނުކުރައްވަ އެވެ.
ވާވު އަތޮޅުގައި ކެމްޕޭން ކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި, ރަނިންމޭޓު ކަނޑައެޅުމަކީ އެމަނިކުފާނު މިވަގުތު އެންމެ ބޮޑަށް ވިސްނަވާ 'މައްސަލަ' ކަމަށެވެ. އަދި އެކަމުގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި, ކޯލިޝަނުގެ ތެރެއިން ރަނިންމޭޓަކު ނެރުމަކީ ވެސް 'ޕޮސިބިލިޓީ' އެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ." ރައީސް ވިދާޅުވެފައިވެ އެވެ.
ރަނިންމޭޓު ކަމަށް ސިޔާމްގެ ޝައުގު ނެތްކަން ހާމަކުރެއްވިއިރު, މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
މީގެ އިތުރުން, ރަނިންމޭޓު ކަމަށް ހޮވާފާނެ ކަމަށް އަޑުފެތުރިފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ, އެކަމަސް ޝައުގު ނެތްކަން ހާމަކުރައްވާފަ އެވެ.
އަންނަ ސެޕްޓެމްބަ ރުމަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހައިތަނަށް، ފުޅާ ދާއިރާގައި ކެމްޕޭން ކުރައްވަން ފެށްޓެވީ ހަމަ އެކަނި ރައީސް ސޯލިހެވެ.
އެ އިންތިހާބަށް އިދިކޮޅު ޕީޕީއެމުން ރިޔާސީ ޓިކެޓް އަރުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހުންނެވީ ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ތަންފީޒުކުރައްވަން ޖަލުގަ އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދީފައި ވިޔަސް އޭނާ އަދި ސީދާ ކެމްޕޭނެއް ނުފަށްޓަވަ އެވެ.
އެމްއެންޕީއިން ކޮންމެވެސް ވަރަކަށް ކެމްޕޭންކުރަމުން އަންނަ އިރު ދަ ޑިމޮކްރެޓްސް އިން އަދި ކެންޑިޑޭޓަކު ކަނޑައެއް ނާޅަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ފަށައިގެން ކުރިއަށް ދާއިރު, އިންތިހާބަށް ކުރިމަތިލާ, ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހު އެވެ. މިފަހަރުގެ އިންތިހާބަށް އަށް ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ބުނެފައިވާއިރު, އަދި އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ރަނިންމޭޓަކު ދައްކާފައެއް ނުވެ އެވެ.













