މިއަދު ހެނދުނު މާލެއަށް ބޯކޮށް ވެހުނު ވާރޭގައި މާފަންނު ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު ހެނދުނުން ފެށިގެން ބޯކޮށް ވާރޭ ވެހޭނެ އެވެ. ގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މާލެއަށް މިއަދު ވާރޭ ވެހެން ފެށީ ހެނދުނު ހަތެއް ޖަހަން ކައިރިވެފައި ހުއްޓަ އެވެ. އަދިވެސް ވާރޭ މުޅިން ހުއްޓާނުލައި، ކޮންމެވެސް ވަރަކަށް ކެރިޖަހަމުންދެ އެވެ.

ބޯކޮށް ވެހުނު ވާރޭގައި ފެންބޮޑުވެފައި ވަނީ ހަނދުވަރީ ހިނގުމުން ފެށިގެން މާފަންނަށް، އަދި އަމީނީ މަގުގެ ބޮޑު ބައެކެވެ.

މާފަންނު ފެނު އަޑީގައި އޮތުމާއެކު، ސިފައިން ނުކުމެ ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަމީނީމަގުގައި ތާރު އަޅައިގެން ހަދަން ފެށިފަހުން، ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި މާފަންނާއި އަމީނީ މަގުގައި ވަރަށް ބޮޑަށް ފެންބޮޑުވެ އެވެ. އެއީ އެ މަގުގެ ޕަމްޕު ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ނުކުރާތީ އެވެ.
އާރުޑީސީން ބުނީ ތާރު އަޅައި ނިނުމަށް ފަހު ހަރުކުރާ ޕަމްޕު ސިސްޓަމްތައް މިހާރަށް ވުރެ ބާރުގަދަ ވާނެ ކަމަށާއި، ފެންގަނޑު ހިއްކާލެވޭ ވަގުތު އަވަސްވާނެ ކަމަށެވެ.












