ޕީޕީއެމް ރުހޭނަމަ، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެމްއެންޕީއާއި، ޑިމޮކްރެޓްސް، އަދި ޖޭޕީ އެއްބަސްވެއްޖެ އެވެ.
ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު މެންދުރުފަހު 1:00 ގައި ސިޔާސީ އެ މަޝްވަރާތައް ކުރެއްވުމަށް މ. ކުނޫޒަށް ވަޑައިގެންނެވި އެވެ.
އެ މަޝްވަރާއަށް ކުނޫޒަށް ވަޑައިގަތުމުގެ ކުރިން ގާސިމާއި ނާޒިމް ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ. ޑިމޮކްރެޓްސް އިން ވެސް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައިވީ ނަމަވެސް އަދި ކެންޑިޑޭޓަކު ކަނޑައަޅާފައެއް ނުވެ އެވެ.
މަޝްވަރާތަކަށް ފަހު މީޑިއާއާ ބައްދަލު ކުރެއްވަމުން ގާސިމް ވިދާޅުވީ ތިން ޕާޓީއަށް އެއްބަސްވެވުނު ކަމަކީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކާ އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ. އަދި އެ ކަމުގައި އިިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރުހުން ވެސް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން، މި ކަމަށް އެއްބަސްވެވޭތޯ، އަޅުގަނޑުމެން ތިން ޕާޓީން ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން މި ރިޔާސީ އިންތިހާބަށް،" ވިލާ ވިޔަފާރީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.

ވެރިކަން ކުރާ އެމްޑީޕީން ވަކިވި ނަޝީދު ވެސް ވިދާޅުވީ ހުރިހާ ޕާޓީއަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރުން ތިން ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ފެނިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ ގައުމުގެ ހާލަތު މިހާރު ގޮސްފައި އޮތް ހިސާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަން ޖެހޭ ކަމަށް އެއްބަސްވެވޭތީ، އެ ކަމަށް ޓަކައި އެއް ކެންޑިޑޭޓަކު ނެރެން ޑިމޮކްރެޓްސްއާއި ޖޭޕީއާއެކު އެއްބަސްވެވިފައިވާ ކަމަށެވެ.
ޕީޕީއެމް ނުރުހޭ ހާލަތެއްގައި، އެއް ކެންޑިޑޭޓަކަށް އެއްބަސްވެވޭ ތިން ޕާޓީ ގުޅިގެން އެއް ކެންޑިޑޭޓަކު ނެރޭނެތޯ "އަދަދު" އިން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ އެއްބަސްވެވުނު ކަމަކީ މި ހުރިހާ ޕާޓީއަކަށް ވެސް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ހޯދުން ކަމަށެވެ.
މި ކަމުގައި ޕީޕީއެމް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. މީގެ ކުރިން ނަޝީދު އެ ހިޔާލު ފާޅު ކުރެއްވުމުން، ޕީޕީއެމްގެ ލީޑާޝިޕުން އޭރު ގޮވާލީ އިދިކޮޅު ހުރިހާ ޕާޓީއަކުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރުމަށެވެ.
ނަމަވެސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ހުއްޓުމަކަށް އައިސްފަ އެވެ.
އެހެންވިޔަސް ޔާމީން ނޫން ކެންޑިޑޭޓެއްގެ ވާހަކަ ފާޅުގައި ދައްކަން ލީޑާޝިޕުން ދަނީ ދެކޮޅު ހަދަމުންނެވެ. އޭގެ މަޝްވަރާތައް އެތެރޭގައި އޮތް އިރު، ލީޑާޝިޕްގެ އެތެރޭގައި ކެންޑިޑޭޓަކާ މެދު ހިޔާލުތަފާތުވުންތަކެއް އޮތް ކަން ވަނީ އެނގިފަ އެވެ.












