ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި، ހަސަދަވެރިކަމާއި ބައިބައިވުން ދޫކޮށްލައި އެއްބައިވަންތަކަން އިސްކުރުމަށް ދިވެހި ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އާންމުކުރި އެމަނިކުފާނުގެ ހިތޯބުގައި ވިދާޅުވީ މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ހިޖުރައާ ގުޅިފައިވާ މުނާސަބަތުގައި ހަނދާނަށް ގެނެސްދެނީ، ހަމަނުޖެހުންތަކާއި ބައިބައިވުންތަކެއްގެ ތެރެއިން ސުލްހަވެރި އަމާން ވަރުގަދަ އުންމަތެއް އުފަންވެގެން އައި ގޮތް ކަމަށެވެ.
"ނިކަމެތިކަމާއި ކަންބޮޑުވުންތަކުގެ ތެރޭގައި ވިއްސިވިހާލިވެފައި ތިބި މީސްތަކެއް، އުފާވެރި ހައިބަވަންތަ ބަދަހި މުޖުތަމައަކަށް ބަދަލުވެގެން ދިޔަ ގޮތެވެ. ހަމަ އެ ފަދައިން ނަބަވީ ހިޖްރައާ ގުޅިފައިވާ އިލާހީ ރިސާލަތުގެ ދަންމަރު މުޅި އިންސާނިއްޔަތު ހުޅުދާން ކޮށްދިން ގޮތެވެ." ހިތޯބުގައި ބަޔާންކުރައްވާފައިވެ އެވެ.
ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ އެންމެ މުހިންމު އެއް މަގުސަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުން ކަން ރައީސްގެ އެ ހިތޯބުގައި ފާހަގަ ކުރައްވާފައިވެ އެވެ.
މިއަދު އޮތް ދިވެހީންގެ ޖީލުގެ މައްޗަށް އެންމެ ބޮޑު އެއް ޒިންމާއަކީ އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަރާފައިވާ ތަހުޒީބު ގައުމެއްގެ ގޮތުގައި ކުރިމަގުގެ ޖީލުތަކަށް މި ގައުމު ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސް ވިދާޅުވި އެވެ.











