އަންނަ ސެޕްޓެމްބަރުމަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ މޯލްޑިވް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން 2018 ގެ ރިޔާސީ އިންތިހާބަށް ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު "ސިއްރު ކޯލިޝަނެއް" ހެދި ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ނިންމަން އޭރުގެ އިދިކޮޅު ފަރާތްތަކުން ކޯލިޝަނެއްގެ ގޮތުގައި ނުކުތް އިރު، ރައީސް ޔާމީނުގެ ކޯލިޝަން ސަރުކާރުގައި ހިމެނުނު އެމްޑީއޭ އޮތީ ވަރަށް ހިމޭންކޮށެވެ. ޔާމީނުގެ ކެމްޕޭނުގައި އެޕާޓީން ބައިވެރި ނުވި އިރު އެމަނިކުފާނާ ދެކޮޅަކަށް ވެސް ފާޅުގައި މަސައްކަތެއް ނުކުރެ އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭންކުރަން މ.މުލަކުގައި އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި އެމްޑީއޭގެ ފަރާތުން ވާހަކަދައްކަވަމުން މައުރޫފު ވިދާޅުވީ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އޭނާ، 2018 ވަނަ އަހަރު (އޭރުގެ ރިޔާސީ ކެންޑިޑޭޓް) އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވީ ސިންގަޕޫރުގައި ކަމަށެވެ. އެ ބައްދަލުވުން ބޭއްވި ހޮޓަލުގެ ނަން ވެސް ވިދާޅުވި އެވެ.
"ބިރުވެރިކަމުގެ ހާލަތްތަކުގައި ސިއްރިއްޔާތުގައި ކަންތައްތައް ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް އަޅުގަނޑުމެން ދެކުނީ. އަޅުގަނޑު ރައީސަށް ޔަގީންކަން އެރުވިން އަޅުގަނޑުމެން މިތިބީ ރައީސާ އެކީގައޭ 2018 ގައި، ﷲ އިރާދަކުރެއްވިއްޔާ ރައީސަށް މި 2018 ކާމިޔާބުކޮށްދިނުމަށް ޓަކައި،" މައުރޫފު ރޭ ވިދާޅުވި އެވެ.
މަޝްހޫރު ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު ސިޔާމް އިސްކޮށް ހުންނަވާ އެމްޑީއޭ އިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދީ ޕީޕީއެމްއާ އެކީގަ އެވެ. އެ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ވެސް ތާއީދުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށެވެ. އެހެން ނަމަވެސް އެ ވެރިކަމުގެ ވަކި ހިސާބަކުން ޖޭޕީ އެ ކޯލިޝަނުން ވަކިވި އެވެ. ވެރިކަމުގެ ފަސް އަހަރު ނިމެންދެން ކޯލިޝަނުގައި ދެމިތިބީ އެމްޑީީއޭ އެވެ.













