ގއ. ކޫއްޑޫ އަދި ގދ. ތިނަދޫގައި އަލަށް ގާއިމްކުރުމަށް ހަމަޖެހިފައިވާ މަސްވެރިކަމުގެ ފެސިލިޓީތަކުގެ ސިވިލް މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ އިއްޔެ މިފްކޯގެ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މިފްކޯގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުނފުނީގެ ސީއީއޯ އިސްމާއީލް ފައުޒީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝަރޫއުގެ ދަށުން އެމްޓީސީސީއާއި ހަވާލުކުރެވުނު މަސައްކަތްތައް:
- ކޫއްޑޫގައި އަލަށް ގާއިމްކުރާ ބްރައިން ފްރީޒިން ބިލްޑިންގެ ފައުންޑޭޝަނާއި ބްރައިން ޓޭންކްގެ ކޮންކްރީޓް މަސައްކަތް,
- ކޫއްޑޫގައި 50 ރީފާ ކޮންޓެއިނަރުގެ ކޮންޓެއިނާ ޔާޑެެއް ހެދުން,
- މިފްކޯގެ މަދަ ވެސަލްތައް ކޫއްޑޫއަށް ގާތްކުރުމަށް ބޭނުންވާ އަންލޯޑިން ޕްލެޓްފޯމެއް ހެދުން,
- ތިނަދޫގައި ސަރުކާރުން އަލަށް ގާއިމްކުރާ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ފައުންޑޭޝަނާއި ބްރައިން ޓޭންކްގެ ކޮންކްރީޓް މަސައްކަތް,
- ތިނަދޫ އެފެސިލިޓީގައި ގާއިމްކުރާ އެހެނިހެން އިމާރާތްތަކުގެ ސިވިލް މަސައްކަތާއި ބަނދަރުން ބައެއް ކޮންކްރީޓް ޕޭވްކުރުމުގެ މަސައްކަތް,
އޭގެ އިތުރުން ކޫއްޑޫގެ ބަނދަރުގެ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި ބަނދަރު ބޮޑުކޮށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައެވެ. އަދި, ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރެއް ގާއިމްކުރުމަށްޓަކައި ކޮންޓްރެކްޓަރެއް ހޯދުމަށް ޓެންޑާއަށް މިހާރުވަނީ ހުޅުވާލާފަ އެވެ. މި ދެ ޕްރޮޖެކްޓަކީ ސައުދީ ފަންޑުގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކެކެވެ.
މި ދެ ފެސިލިޓީ އާއެކު ދުވާލަކަށް މަސްގަނެވޭ މިންވަރު އިތުރުވެ، މަސް ރައްކާކުރާނެ ޖާގަ އިތުރުވެގެންދާނެ ކަމަށާއި މަސްވެރިން މަސްކިރުމަށް ކިޔުގައި މަޑުކުރަންޖެހޭ ވަގުތު މަދުވާނެކަމަށް މިފްކޯއިން ބުނެ އެވެ.













