ހަންގޭރީ ސަރުކާރުގެ ހާއްސަ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން އެ ގައުމަށް ކިޔަވަންދާ ދަރިވަރުންނަށް ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ގެންދާ ކަމަށް ރާއްޖޭގައި ހުންނަވާ ހަންގޭރީގެ އޮނަރަރީ ކޮންސުލް ޖެނެރަލް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އިއުލާންކުރި ސްކޮލާޝިޕް ސްކީމްގެ ދަށުން ކިޔަވަންދާ ދަރިވަރުންގެ ވިސާ ފަސޭހަކަމާ އެކު ހަމަޖެއްސުމަށް އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ހަންގޭރީގެ އެމްބަސީއާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން, މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރަށް ފޯމުތައް ހުށަހެޅުމުން, އެ ފޯމުތައް ހަންގޭރީގެ އެމްބަސީއަށް ފޯރުމުން, ވިސާގެ ކަންކަން ފުރިހަމަ ކުރުމަށް ދަރިވަރުންނާ އެކު އޮންލައިން މީޓިންތައް އެމްބަސީން ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި, އެ ޕްރޮސެސް ނިމުމާ އެކު ދަރިވަރުންގެ ޕާސްޕޯޓުގައި ވިސާ ސްޓޭމްޕްކޮށް ލިޔެކިޔުންތަކާ އެކު މާލޭގައި ހުންނަ ވިސާ ސެންޓަރުން ލިބޭނެ ކަމަށް ވެސް ޖަނާހު ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން މި ސްކީމްގެ ދަށުން ކިޔަވަން ދާ އެއްވެސް ދަރިވަރަކު ނިއު ދިއްލީގައި ހުންނަ ހަންގޭރީގެ އެމްބަސީއަށް ވިސާ ހޯދަން ދަތުރުކުރަން ނުޖެހޭނެ އެވެ.

އޭގެ އިތުރުން, މި ޕްރޮސެސްއަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރު ކުރުމަށާއި ދަރިވަރުންގެ ހުރި ސުވާލުތަކަށް ޖަވާބުދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ޖަނާހު ވިދާޅުވި އެވެ. އެގޮތުން, އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ info@honconsulofhungary.mv އީމެއިލް މެދުވެރިކޮށް އެންގުމަށް އޭނާ ވަނީ އެދިފަ އެވެ.
މަތީ ތައުލީމުގެ އެއްބަސްވުމެއްގެ ދަށުން ހަންގޭރީއިން ދިވެހި ދަރިވަރުންނަށް އަހަރަކު ދެމުން އައި ސްކޮލާޝިޕްގެ އަދަދު 15 އިން 25 އަށް އިތުރުކުރީ މިދޔަ އަހަރު އެ ގައުމުގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން, 2024 ވަނަ އަހަރާ ހަމައަށް ޖުމްލަ 100 ސްކޮލާޝިޕް ދިވެހި ދަރިވަރުންނަށް ލިބިގެންދާނެ އެވެ.










