ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫގެ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ހުޅުމާލެ ހޮސްޕިޓަލުން އެސްޓީއޯއާއެކު ސޮއިކޮށްފި އެވެ.
މިއަދު މެންދުރުފަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދެވެ.
އެސްޓީއޯއިން ހިންގާ އެ މަޝްރޫއު ނިމޭއިރު، ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫއަކީ އެންމެ ޒަމާނީ މެޑިކަލް ވަސީލަތް ތަކާއިއެކު ސިއްހީ އާލާތްތަކާއެކު އިންޓެގްރޭޓް ވެފައިވާ، ކަސްޓަމައިޒްޑް ތަނެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިހާރު ގާއިމްކުރެވިފައިވާ ސެންޓްރަލް ސްޓެރެލައިޒޭޝަން ޑިޕާޓްމަންޓަކީ ވެސް އެސްޓީއޯއިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.
ހުޅުމާލެ ހޮސްޕިޓަލު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން އެސްޓީއޯއާ ހަވާލުކުރި އިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ހޯދާ އަދަދު އިތުރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެ ހޮސްޕިޓަލުގައި މިހާރު މެންޓަލް ހެލްތްގެ ހިދުމަތާއި، ކުޑަކުދީން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ ދިނުމަށް ވަކި ހާއްސަ ސެންޓަރެއް ގާއިމު ކުރެވެރިވެފައިވެ އެވެ. އަދި ކެންސަރު ބަލީގެ ފަރާތްތަކަށް އޮންކޮލޮޖީ ސެންޓަރު ފަދަ ހިދުމަތްތައް ވެސް ފަށާފައިވެ އެވެ.
އެ ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރެވޭ އޮޕޮރޭޝަން ތިއޭޓަރު ޕްރޮޖެކްޓްގައި ފަސް އޮޕޮރޭޝަން ތިއޭޓަރެއް ހިމެނެ އެވެ. އެ ގޮތުން ކަށީގެ، ލޮލުގެ، އަންހެނުންގެ ބަލިތަކަށް ހާއްސަ އަދި އާންމު ސާޖަރީތައް ހިމެނޭނެ އެވެ.
މިވަގުތު އިތުރުވަމުން އަންނަ ބޮޑު އާބާދީއަށް ކޭޓާކުރުމަށް ހުޅުމާލޭގައި ހުރީ ޖުމްލަ 17 އައިސީޔޫ އެނދެވެ. އެސްޓީއޯއާ ހަވާލުކޮށްފައިވާ މަޝްރޫއާއެކު އިތުރު 24 އައުސީޔޫ އެނދު ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރެވިގެންދާނެ އެވެ.












