މި އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި އެމްއެންޑީއެފުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ޕެރޭޑްތަކެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފުރަތަމަ ޕެރޭޑް އޮންނާނީ އައްޑޫ ސިޓީ ހިތަދޫގަ އެވެ. މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ހިތަދޫ ސްކޫލް ކުރިމަތިން ޕެރޭޑް ފަށާނެ އެވެ. ޕެރޭޑް ނިންމާނީ އެ ރަށު "ސަރުސަނާ 3" ފިހާރަ ކުރިމައްޗަށެވެ.
އަންނަ ބުރާސްފަތި ދުވަހު ޕެރޭޑް އޮންނާނީ އައްޑޫގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގަ އެވެ. އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ޕެރޭޑް ފަށާނީ މަރަދޫ މުދިންގޭ މަގާއި ބޮޑު މަގު ގުޅޭ ކަންމަތިންނެވެ. ޕެރޭޑް ނިންމާނީ ފޭދޫ ޓާފް ދަނޑު ކުރިމައްޗަށެވެ.
ހުކުރު ދުވަހު ޕެރޭޑް އޮންނާނީ އައްޑޫގެ ހުޅުދޫ އަދި މީދޫގަ އެވެ. އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ޕެރޭޑް ފަށާނީ ހުޅުދޫ އޮފީސް މަގާއި ބޮޑު މަގު ގުޅޭ ކަންމަތިންނެވެ. ޕެރޭޑް ނިންމާނީ ކޯގަންނު ގަބުރުސްތާނު ކުރިމައްޗަށެވެ.
ހޮނިހިރު ދުވަހު ފުވައްމުލައް ސިޓީގައި ޕެރޭޑް އޮންނާނެ އެވެ. އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ޕެރޭޑް ފަށާނީ ޏ. އަތޮޅު ތައުލީމީ މަރުކަޒު ކުރިމަތިންނެވެ. ޕެރޭޑް ނިންމާނީ މައިލޯ ސްޓޭޑިއަމް ކުރިމައްޗަށެވެ.

އައްޑޫ ސިޓީގެ ރަށްތަކާއި ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދާ ޕެރޭޑްގައި ސިފައިންގެ އިތުރުން، އެ ދެ ސިޓީގެ ސްކޫލްތަކުގެ ކެޑޭޓުން ވެސް ބައިވެރިވާނެ އެވެ. އަދި ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިަލް ސާވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ އެވެ.












