މިވަގުތު ރާއްޖެ އޮތީ ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތެއްގައި ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ދަރަނި 100 ބިލިއަން ހުރަސްކޮށްފައިވާއިރު އިދިކޮޅު ފަރާތްތަކުން ދަނީ ރާއްޖެ ދަރަނިވެރިވެދާނެ ކަމަށް ބުނެ ހަރަދު ކުޑަކުރަން މަސައްކަތް ނުކުރާތީ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ކުރަމުންނެވެ. އެހެން ނަމަވެސް, ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުންދާތީ ދަރަނި ނުދެއްކޭ ހާލަތަށް ރާއްޖެ ނުދާ ކަމަށް މާލީ ވަޒީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިގްތިސާދު 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އެންމެ ކުރިއަރައި ދިޔަ ފަސް އިގްތިސޯދުގެ ތެރޭގައި, ރާއްޖޭގެ އިގްތިސޯދު ހިމެނުނު. އަދި, 2023 ނިމޭއިރު އަޅުގަނޑުމެން މި ބަލަނީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް. އެހެންވީމަ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތެއް ރާއްޖެއަކު ނެތް," އެ ޕްރޮގްރާމްގައި އަމީރު ވިދާޅުވި އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތަށް ދަރަނި ރީސްޓްރަކްޗާ ކުރުން ވެގެންދާނީ ރާއްޖޭން ހޯދަމުންދާ އިގްތިސޯދީ ކުރިއެރުން ހާސިލުކުރުމަށް ހުރަހަކަށް ކަމަށް އަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ [އިގްތިސޯދު] ފުޅާވަމުންދާ ސްޕީޑު ނުހިފެހެއްޓި, އެ ހުއްޓޭނެ. އިގްތިސޯދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަރާނެ. މިހާރު ވެސް މިދަނީ މާކެޓު ބަލައިގަންނަ ގޮތަކަށް ދަރަނި މެނޭޖު ކުރުމުގެ މަސައްކަތް ކުރަމުން," ރާއްޖޭގެ ދަރަނި މެނޭޖު ކުރުމާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ މާކެޓުން ބަލައިގަންނަ ގޮތަކަށް ދަރަނި މެނޭޖު ކުރުމަށް ކަމަށް އަމީރު ވިދާޅުވި އެވެ. އަދި, ރާއްޖޭން ދަރަނިތައް ދައްކަން ޖެހޭ މުއްދަތުގައި ދަރަނި ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަމީރު ވަނީ ދެއްވާފަ އެވެ.
"ރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރަށް ދާއިރު 170 ބިލިއަނަށް އަރާނެ. އެހެންވީމާ ރާއްޖޭގެ އިގްތިސޯދު ވެސް ފުޅާ ވެގެންދާނެ. 2021 ވަނަ އަހަރު ކުރި ގޮތަށް ލައިބިލިޓީ މެނޭޖުމަންޓު އެކްސަސައިޒެއްގެ ތެރެއިން ރީފައިނޭންސް ކުރުމާއި, އަދި އޭގެ ބައެއް އެއް ފަހަރާ ދެއްކުމާ ވަރަށް ގިނަ ކަންކަން ކުރެވޭނެ." ކުރު ރާސްތާގައި ދަރަނި މެނޭޖު ކުރުމާ ގުޅޭގޮތުން އަމީރު ވިދާޅުވި އެވެ.
މިއަހަރު ނިމޭއިރު ގައުމީ އުފެއްދުންތެރިކަން 100 ބިލިއަނުގައި ހުންނާނެ ކަމަށާއި އަދި ސަރުކާރުން ކުރިއަށް ގެންދާ އުމުރާނީ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓުތައް ނިމުމުން އެ އަދަދު ދެ ގުނަ ވެގެންދާނެ ކަމަށް ވެސް މާލީ ވަޒީރު ވިދާޅުވި އެވެ.













