މިއަދާއި މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރި ނަމަވެސް އާދިއްތަ ދުވަހުން ފެށިގެން ވިއްސާރަ އަލިވެ. ބޮޑުއީދަށް މޫސުން ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
ސްކޫލު ބަންދާއި ބޮޑުއީދަށް މި އަހަރު ލިބޭ ނުވަ ދުވަހުގެ ބޮޑު ބަންދުގައި ގިނަ ބަޔަކު ދަތުރުކުން ރާވާފައިވާ މި ދަނޑިވަޅުގައި މެޓް އޮފީހުން "އަދަދު" އަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ، ހަފުތާ ބަންދުގައި އާންމުކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އާދިއްތަ ދުވަހުން ފަށައިގެން ވިއްސާރަ އަލިވާން ފަށާނެ ކަމަށާއި ބުދަ ދުވަހު ފެށޭ އަލްހާ އީދަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާދިއްތައިން ފަށައިގެން ކަނޑުތައް މަޑުވާން ފެށި ނަމަވެސް އޭނާ ވިދާޅުވ ގޮތުގައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ލަފާކުރެވެ އެވެ.
މެޓް އޮފީހުން ދިން މައުލޫމާތަށް ބަލާއިރު މިއަދާއި މާދަމާ ވައި ޖެހޭނީ 10 މޭލާއި 20 މޭލައި ދެމެދުގެ ބާރުމިނެއްގަ އެވެ. އަދި ވިލާގަނޑުގައި 30 މޭލަށް ވައިޖެހޭނެ ކަމަށް ބެލެވެ އެވެ.
އީދު ބަންދު އިއްޔެ ފެށިފައިވާއިރު އިއްޔެ ހަވީރުން ފެށިގެން ގިނަ ބަޔަކު ވަނީ އެކިރަށްތަކަށް ދަތުރުތައް ފަށައިފަ އެވެ.













