މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުގައި ކޮމެޓީން ނިންމި ގޮތަށް އަމަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
އެގޮތަށް ނިންމެވީ، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއިން ވަޒީރުންގެ މަޖިލީހަށް ހުށައެޅުއްވި ކަރުދާހަށް މިއަދުގެ ކެބިނެޓް ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހެވެ.
ރައީސް އޮފީހުން ބުނީ އެ ނިންމުމާ ގުޅޭ އިތުރު ތަފްސީލުތައް ހައުސިން މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމަކީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގުރާމުގެ ތެރެއިން 3،000 ގޯއްޗަށް ހުޅުވާލުމުން 15،164 އެޕްލިކޭޝަނެއް ހުށަހަޅާފައިވެ އެވެ.
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ ޖޫން 26, 2022 ގަ އެވެ. މިހާރު ނިންމާފައި ވަނީ ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދިނުމަށް ހަމަޖެހިފައިވާ 1,000 ގޯއްޗަށްވާ ބިން ކެނޑުން އަމަލީކޮށް ފެށި ދުވަހު، ޕްލޭނިން މިނިސްޓްރީން ވަނީ ވަގުތީ ލިސްޓު މާޗު މަހުގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް, އެ ތާރީހު ދިގު ލައިގެން ގޮސް މިހާރު ބުނެފައި ވަނީ މި ޖޫން މަސް ތެރޭގައި ލިސްޓު އިއުލާން ކުރާނެ ކަމަށެވެ.













