ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކުޑަކުދިން ތިބުމަކީ ކަންބޮޑުވާންޖެހޭ އަދި އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ކުރިމަތިވެދާނެ ގައުމީ މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ލިޔުންތެރިންގެ ގުޅުން ޖަމިއްޔާއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބައެއް ކުދިން ވަރަށް ބަހާ ދުރު ކަމަށާއި އެއީ އެމަނިކުފާނުގެ ކަންބޮޑުވުމެއް ކަމަށެވެ.
"އެހެން ނަމަވެސް، ބައެއް ކުދިން ދިވެހި ބަހާ ވަރަށް ދުރު. އަޅުގަނޑުމެންގެ މި މާހައުލުގައި އުޅެ ބޮޑެތިވަމުން އަންނައިރު، ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކުދިން މިއަދު އެބަތިބި. މިއީ އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭ ޤައުމީ މައްސަލައެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ބަހާ ކުދިން ދުރުވަނީ އެކުދިންގެ ވިސްނުން ކޮށިވެގެން ނޫން ކަމަށާއި ދިވެހި ބަހާ ކުދިން ދުރުވުމަކީ "ފުންކޮށް ވިސްނަންޖެހޭ ގައުމީ މައްސަލައެއް" ކަމަށެވެ.
"އެހެން ނަމަވެސް، ބައެއް ކުދިން ދިވެހި ބަހާ ވަރަށް ދުރު. އަޅުގަނޑުމެންގެ މި މާހައުލުގައި އުޅެ ބޮޑެތިވަމުން އަންނައިރު، ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކުދިން މިއަދު އެބަތިބި. މިއީ އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭ ގައުމީ މައްސަލައެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހި ބަހަށް ހުރިހާ ކުދިން ވެސް ފަރިތަ ކުރުމަށް އެންމެން އެއްބާރުލުން ދިނުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވި އެވެ.
"މިއީ ހައްލުކުރަން އަޅުގަނޑުމެން އެންމެންނަށް ޖެހިފައި އޮތް ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާށޭ. މިއީ ސަރުކާރާއި ރައްޔިތުންގެ ވެސް ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާށޭ. ބެލެނިވެރިންނާއި ދިވެހިބަހުގެ އަދީބުންނާއި އުސްތާޒުންގެ ވެސް ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާށޭ. މިކަމަށް އަޅުގަނޑުމެން އަވަސް ހައްލެއް ނުހޯދައިފިއްޔާ، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ދިވެހި އަދަބިއްޔާތަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ރައީސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް އެންމެ ރީތީ ދިވެހި ބަސް ކަމަށާއި އެންމެ ވިދާޅުވާ ހިތްޕުޅުވަނީ ދިވެހި ބަހުން ލިޔެފައި ހުންނަ ވާހަކަތައް ކަމަށެވެ.
"އަޅުގަނޑަށް ވެސް ހަމަ އެންމެ ރީތީ ދިވެހި ބަސް. ސާދާ، ސާފު ދިވެހި ބަހުން ލިޔެފައި ހުންނަ ވާހަކަތައް ކިޔުމަކީ، ސިކުނޑީގެ ވަރުބަލިކަން ފިލުވައިލުމަށް އަޅުގަނޑު ވެސް ކުރާ ކަމެއް. ދިވެހި ޝާއިރުންގެ މާނަވީ ފަށުވި ޅެންތައް ކިޔުމަކީ، އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު، ނަފްސު ތާޒާކޮށްލުމަށްޓަކައި ކޮންމެ ބޭފުޅަކު ވެސް ކޮށްލައްވަން ރަނގަޅު ތަޖުރިބާއެއް،" ރައީސް ވިދާޅުވި އެވެ.
ދިވެހި ދަރިވަރުން ދިވެހި ބަހާ ދުރުވާތީ އެއީ ކީއްވެގެންތޯ ބަލަން ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރަކު މިވަގުތު ދަނީ ދިރާސާއެއް ހަދަމުންނެވެ. ދިރާސާ ހެދުމުގެ ކުރިން އޭނާ ބުނެފައި ވަނީ، ތައުލީމު އުނގަންނައިދިނުމުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދިނުމަކީ ބަހަށް ނުފަރިތަވެދާނެ އެއް ސަބަބު ކަމަށްވެދާނެ ކަމަށެވެ.













