ސްޓޫޑެންޓު ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރީން ނިންމައި ލޯނު ލިބޭ ކުދިންގެ ދާއިމީ ލިސްޓު އިއުލާނުކޮށްފި އެވެ.
މިއަހަރުގެ ސްޓޫޑެންޓު ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮތީ ނިންމަވާފަ އެވެ އެ މިނިސްޓަރީން މިއަދު އާންމު ކުރި ސްޓޫޑެންޓު ލޯނު ލިބެ ކުދިންގެ ދާއިމީ ނަތީޖާ ދައްކާގޮތުން އެ ލޯނަށް އެދި ހުށަހެޅި 1،507 ކުދިންގެ ތެރެއިން ޝަރުތު ހަމަވެފައި ވަނީ 1،275 ކުއްޖެކެވެ.
އެ ހުރިހާ ދަރިވަރުންނަށް ވެސް ލޯނުގެ އެހީގައި ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ލޯނު ލިބޭ ކުދިންގެ ދާއިމީ ލިސްޓު މިނިސްޓަރީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.
ސްޓޫޑެންޓު ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ނަތީޖާ އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެ ފުރުސަތުގައި 142 ކުއްޖަކު ޝަކުވާ ހުށަހެޅި ކަމަށް މިނިސްޓަރީން ބުނެ އެވެ. އެ ޝަކުވާތައް ބަލާފައި ވަނީ އެކަމަށް ހާއްސަކޮށް މިނިސްޓަރީން އެކުލަވާލި ކޮމެޓީއަކުންނެވެ.
މިއަހަރު ސްޓޫޑެންޓު ލޯނަށް އެދި ހުށަހެޅުުގެ ފުރުސަތު ހުޅުވާލިއިރު، އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ފުރުސަތު ހުޅުވާލެވުނެވެ. ލޯނު އެހީގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ލޯނު އިއުލާންގައި ބަޔާންކޮށްފައިވާ ގައުމުތަކަށެވެ. އެ ނޫން ގައުމެއްގައި ކިޔެވުމަށް ލޯނު އެހީ ފޯރުކޮށްދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން އެ ދަރިވަރަކު އިހުތިޔާރު ކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ފުރަތަމަ ޑިގްރީ ސްކީމުގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ސްލޮޓު ކަނޑައަޅައި ފުރުސަތު ހުޅުވާލި އެވެ.
އަދި, މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް 120 ފުރުސަތު ހުޅުވާލި އެވެ.
މިއަހަރުގެ ލޯނު ސްކީމް އިޢުލާންކޮށްފައިވަނީ ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާޖު އެއް ޕަސެންޓަށް ކުޑަކުރުމަށްފަހު އެވެ.
މިއަދު އާންމު ކުރި ލިސްޓުގައި ހިމެނޭ ކުދިންނާ އެކު 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ލޯނު ދޫކޮށްފައިވާ ކުދިންގެ އަދަދު ވަނީ 3،261 އަށް އަރާފަ އެވެ.












