ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. އެހެން ނަމަވެސް ދަތުރުގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހުވެސް ރައީސް ސޯލިހު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އޭގެ ކުރިން މިދިޔަ ޑިސެމްބަރު މަހު ރައީސް ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގެންފަ އެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން ލަންކާ ފިޔަވައި ރައީސް އެންމެ ގިނައިން އަމިއްލަފުޅު ބޭނުން ތަކުގައި ވަޑައިގެންނެވީ ސިންގަޕޫރަށެވެ.
އެގޮތުން، ފެބްރުއަރީ 2022 ގައި، ރައީސްގެ ތައިރޮއިޑް އޮޕަރޭޝަނެއް ވެސް އެ ގައުމުގައި ކުރެއްވި އެވެ. އެމަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ އޮކްޓޯބަރު 2022، ގަ އެވެ.

އަދި، ޖޫން/ޖުލައި 2019 ގައި ސިންގަޕޫރަށް ރަސްމީ ހައިސިއްޔަތުން ވެސް އެމަނިކުފާނު ދަތުރުފުޅެއް ކުރެއްވި އެވެ. އެ ދަތުރުފުޅުގައި ރާއްޖޭގެ ސަރުކާރާއި ސިންގަޕޫރުގެ ސަރުކާރާ ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރި އެވެ.
ރައީސް ސިންގަޕޫރަށް ވަޑައިގެންފައި މިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެމަނިކުފާނު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތައްޔާރުވެވަޑައިގަންނަމުން ގެންދަވާ ވަގުތެއްގަ އެވެ.
އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) "އަދަދު" އަށް ވިދާޅުވެފައިވާ ގޮތުގައި މި މަހު އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެމްޕެއިން ފަށާނެ އެވެ. ސީދާ ތާރީހެއް ނުދެއްވި ނަމަވެސް އީދު ތެރޭގައިވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އިބުރޭ ވިދާޅުވި އެވެ. ރައީސް ސޯލިހު އީދު ދުވަހު، އއ. ތޮއްޑޫ ކައުންސިލްގެ ދައުވަތަކަށް އެ ރަށަށް ވަޑައިގަންނަވާނެ އެވެ.













