ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދިވެހި ސަރުކާރުން ކުރާ ހަރަދުގެ ތަފްސީލުތައް ހާމަކޮށްފި ނަމަ ދެ ގައުމުގެ ގުޅުމަށް ނުރަނގަޅު އަސަރުކޮށް، ރާއްޖެއަށް ކާޑު ލިބުމުގެ ދަތިކަން ވެސް ކުރިމަތިވެދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) ހައި ކޯޓުގައި ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން އެދުނީ "ދިޔަރެސް"ގެ ނޫސްވެރިޔާ އަހުމަދު އަޒާން އެވެ. އެކަމަކު، އެ މައުލޫމާތަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތެއް ކަމަށް ބުނެ، މައުލޫމާތު ހާމަ ނުކުރެވޭނެ އިސްތިސްނާ ހާލަތްތަކެއް ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައިވާތީ އައިކޮމްއިން ވަނީ އެކަން ހާމަނުކުރަން ނިންމައިފަ އެވެ.
އައިކޮމްގެ ނިންމުން އަަޒާން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ ތެރެއަށް ޑިފެންސް މިނިސްޓްރީގެ ފަރާތުން އޭޖީ އޮފީސް ވެސް ވަނީ ތަދައްހުލްވެފަ އެވެ.
މިއަދު އެ މައްސަލައިގައި އޮތް އަޑުއެހުމުގައި އޮތީ އިސްތިއުނާފީ ނުކުތާތަކަށް އައިކޮމް އާއި ދައުލަތަށް ޖަވާބު ދިނުމާއި އެ ވާހަކަތަކަށް ރައްދު ދިނުމެވެ. ވަކީލަކާ ނުލައި މައްސަލަ ކުރިއަށްގެންދާ އަޒާން މިއަދު ޖަވާބުދިނީ އައިކޮމްއިން އިސްތިއުނާފީ ނުކުތާތަކަށް ލިޔުމުން ދީފައި އޮތް ޖަވާބަށެވެ.
އައިކޮމްއިން މިއަދު ހައި ކޯޓުގައި ބުނެފައި ވަނީ، ހޯދަން އެދިފައިވާ މައުލޫމާތަކީ ކޮންޓްރެކްޓެއްގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ކަމަށާއި އޭގައި ސިއްރު ހިފަހައްޓަން ޝަރުތުކޮށްފައިވާ ކަމަށް ސިފައިންގެ ލަފާ ދޭ މަޖިލީހުން ބުނެފައިވާ ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތަކަށް ވާތީ ހާމަނުކުރަން އެދިފައިވާ ކަމަށެވެ.

ގައުމީ ސަލާމަތައް ނުރައްކާވެދާނެ ކަމަށް ބުނެ އެ މައުލޫމާތު ނުދޭން އައިކޮމްއިން ނިންމާފައިވާއިރު، އެ މައުލޫމާތު ގައުމީ ސަލާމަތާ ގުޅޭ ގޮތެއް އަދި އެ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތައް ނުރައްކާވާ ގޮތެއް ބަޔާންކޮށްނުދެވޭ ކަމަށް އަޒާން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއެއްގައި ބުނެފައިވެ އެވެ.
އައިކޮމްއިން އިސްތިއުނާފީ ނުކުތާތަކަށް ލިޔުމުން ދިން ޖަވާބުގައި ވަނީ، އެ މައުލޫމާތު ހާމަކޮށްފި ނަމަ ދޭދޭ ގައުމެއްގެ މެދުގައި ހަދާފައިވާ އެއްްބަސްވުމަކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އައިކޮމްގެ ވަކީލުން
އޭގެ އިތުރުން، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ގާނޫނުއަސާސީގައި މާނަކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެކަމުގެ ބިރު އޮތްކަމަށް ވާނަމަ، އެފަދަ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ލިބިގެންވާ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި އޮންނަކަން ވެސް އައިކޮމްއިން ފާހަގަކުރި އެވެ.
ރާއްޖެއަކީ ކުޑަކުޑަ، އަސާސީ ކަންކަމަށް އެހެން ގައުމުތަކަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، އިންޑިއާ ފަދަ އަވަށްޓެރި ގައުމަކުން ރާއްޖެއާ ގާއިމްކޮށްފައިވާ ގުޅުމަށް ބުރޫއަރައިފި ނަމަ މިހާރު ވެސް އިންޑިއާއާއެކު ހެދިފައިވާ ޑިފެންސް ކޯޕަރޭޝަންގެ ދަށުން ލިބެމުންދާ އެހީތައް ހުއްޓުމުގެ އިހްތިމާލު ވަރަށް ބޮޑު ކަމަށް އައިކޮމްއިން ބުންޏެވެ.
ކާޑުގެ ބާވަތްތައް ލިބުމުގައި ވެސް ދަތިތަކެއް ކުރިމަތިވެދާނެ ކަމާއި އެފަދަ ގައުމުތަކުން ފޯރުކޮށްދޭ އިންސާނިއްޔަތުގެ އެހީތައް ވެސް ހުއްޓުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވެސް އައިކޮމްއިން ދިން ޖަވާބުގައިވެ އެވެ.
އަޒާން މިއަދު ހައި ކޯޓުގައ ބުނީ، އެއީ އެއްވެސް އަސާސެއްގެ މައްޗަށް އައިކޮމްއިން ދައްކާފައިވާ ވާހަކައެއް ނޫން ކަމަށެވެ. އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމުން ރާއްޖެއަށް ކާޑު ނުލިބޭނެ ކަމަށް ބުނާ ސަބަބެއް އައިކޮމްއިން ބުނެދީފައިނުވާ ކަމަށް އަޒާން ބުންޏެވެ.
އައިކޮމްއިން ލިޔުމުން ދިން ޖަވާބުގައި އިތުރަށް ބުނެފައި ވަނީ، ގައުމީ ސަލާމަތައް ނުރައްކާ ވަނީ ހަމައެކަނި ކަނޑި ބަޑީގެ ހަނގުރާމައިން ނޫން ކަމަށާއި ދޭދޭ ދެ ގައުމެއްގެ ގުޅުމަށް ބުރޫއަރާ ކޮންމެ ކަަމަކީ ވެސް ގައުމީ ސަލާމަތައް ނުރައްކާވެދާނެ ކަންތައްތަކެއްކަން "ބުއްދީގެ ހަމަތަކުން ބެލުމުން" އެނގޭ ކަމަށެވެ.
އޭގެ އިތުރުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފި ނަމަ އެހެން ގައުމުތަކުން އެ އަދަދަށް ރާއްޖޭގައި ސިފައިން ބައިތިއްބަން ޑިމާންޑުކޮށްފާނެ ކަމަށާއި އެ މައުލޫމާތު ހާމަކުރުމަކީ އެކަމަށް ހުޅުވާލެވޭ ދޮރެއް ކަމަށް އައިކޮމްއިން ބުނެފައިވެ އެވެ.
ތަނަކަށް ހަމަލާއެއް ދިނުމަށް ބަޔަކު ރާވާއިރު، އެތަނެއްގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައުލޫމާތު އެއްކުރުން ކަމަށްވާއިރު، ސަލާމަތީ ބާރުތަކުގެ އެފަދަ މައުލޫމާތު ހާމަކުރުމަކީ "އަމިއްލަ ގައުމު އަމިއްލަ އަތުން ހަލާކުގެ ތެރެއަށް ވައްޓާލުންފަދަ ކަމެއް ކަމުގައި ވާނެކަން ޔަގީން" ކަމަށް އައިކޮމްއިން ބުނެފައިވެ އެވެ.
ފަނޑިޔާރުންގެ ސުވާލުތަކެއް
މި މައްސަލަ ހައި ކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ އިސްފަނޑިޔާރު ހުސެއިން ޝަހީދު، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުޒެއިފާ މުހައްމަދެވެ.
އަައިކޮމްއިން އެ މައުލޫމާތު ހާމަނުކުރަން ނިންމީ އިންޑިއާއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބެލުމަށްފަހުތޯ ފަނޑިޔާރު ޝަފީއު މިއަދު ސުވާލުކުރެއްވުމުން އައިކޮމްގެ ވަކީލު ވިދާޅުވީ، އެގޮތަށް ނިންމާފައި ވަނީ އެއްބަސްވުން ބަލާފައި ނޫން ކަމަށާއި ސިފައިންނާއެކު ބޭއްވި ސިއްރު ބައްދަލުވުމުގައި ސިފައިން ދެއްކި ވާހަކަތަކަށް ބިނާކޮށް ކަމަށެވެ.
ހަގީގަތުގައި ވެސް އެގްރީމަންޓުގައި އެހެން އޮތް ތޯ ބަލައި ކަށަވަރު ކުރުމަކީ އައިކޮމްއަށް ކުރެވޭނެ ކަމެއްތޯ ސުވާލު ކުރުމުން ވަކީލު ވިދާޅުވީ، އެ ބާރު އައިކޮމްއަށް އޮންނަ ކަމަށާއި އެކަމަކު މި މައްސަލައިގައި އެއްބަސްވުން ބަލާފައި ނުވާ ކަމަށެވެ. އެއްބަސްވުން އައިކޮމްއަށް ހުށަހެޅުމަށް އެދިފައިވާނެތޯ ފަނޑިޔާރު ހުޒައިފާ ސުވާލުކުރެއްވުމުން އައިކޮމްގެ ވަކީލު ވިދާޅުވީ، އެގޮތަށް އެދިފައިނުވާނެ ކަމަށެވެ.
"ސިއްރު ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންތައްތަކަށް ބަލާފައި އެ ކޮންޓްރެކްޓް ބެލުމުގެ މުހިންމުކަމެއް އަޅުގަނޑުމެންނަށް އެވަގުތަށް ނެތީމަ ބެލިފައި ނުވަނީ،" އައިކޮމްގެ ވަކީލު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އަޒާން ބުނީ، އިދާރާތަކަށް ގޮސް އެތަންތަނުގައި ހުރި މައުލޫމާތު ބަލައި އެއީ ހާމަކުރެވޭނެ އެއްޗެއްތޯ ބެލުމުގެ ބާރު ވެސް އިންފޮމޭޝަން ކޮމިޝަނަރަށް ގާނޫނުން ދީފައި ވަނިކޮށް، މައްސަލަ ނިންމާފައި ވަނީ އޭގެ އެއްވެސް ބޭނުމެއް ނުކޮށް، ހަމައެކަނި ސިފައިން ބުނި ބުނުމެއްގެ މައްޗަށް ކަމަށެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަޒާން ވާހަކަ ދައްކަނީ
އޭގެ އިތުރުން، މައުލޫމާތު ހޯދަން އެދޭ ފަރާތާ ނުލައި ސިއްރު ބައްދަލުވުމެއް ބޭއްވޭނެތޯ ފަނޑިޔާރު ހުޒައިފާ ސުވާލު ކުރެއްވި އެވެ. އައިކޮމްއާއި އޭޖީ އޮފީހުން ވެސް ބުނީ، ސިއްރު ބައްދަލުވުން ބާއްވަން ގާނޫނުން ބާރު ލިބޭ ކަމަށެވެ. އެކަމަކު، މައުލޫމާތު ހޯދަން އެދޭ ފަރާތް ބައިވެރިކުރާ ނަމަ ބައްދަލުވުން ސިއްރު ކުރުމުގެ މަގުސަދު ގެއްލޭ ކަމަށް ބުންޏެވެ.
އިސްތިސްނާ ހާލަތްތަކެއް ފާހަގަކޮށް މައުލޫމާތު ހާމަ ނުކުރަން ނިންމި ނަމަވެސް، އެ މައުލޫމާތެއް ހާމަ ކުރުމުން އާންމު މަސްލަހަތަށް ފައިދާ ބޮޑު ނަމަ އެ މައުލޫމާތެއް ހާމަ ކުރަން ޖެހޭނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ކަމަށް އަޒާން މިއަދު ބުންޏެވެ. އެހެންވެ، ދެން އަންނަ އަޑުއެހުމެއްގައި އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ތައްޔާރުވުމަށް ބެންޗުން އެދުނެވެ.
އޭގެ އިތުރުން، ސިފައިންގެ ލަފާ ދޭ މަޖިލީހުގެ މެންޑޭޓާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ތައްޔާރުވެގެން އައުމަށް ވެސް އެދުނެވެ. އަދި ބޭރު ގައުމުތަކުގައި އެހެން ގައުމުތަކުގެ ސިފައިން ތިބޭ އަދަދާއި އެ މީހުންނަށް ކުރާ ހަރަދު ހާމަކުރުމާ ގުޅޭ ގޮތުން އަމަލު ކުރަނީ ކިހިނެއްތޯ ދެން އޮންނަ އަޑުއެހުމެއްގައި ސާފުކޮށްދިނުމަށް ވެސް ފަނޑިޔާރުންގެ ބެންޗުން އެދުނެވެ.
މައްސަލައިގެ ފަސްފަހަތް
އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރަން އައިކޮމްއިން ނިންމާފައި ވަނީ، ސިފައިން ފާާހަގަކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައިވާ ތިން އިސްތިސްނާއީ ހާލަތަކާ ހަވާލާދީ އެވެ.
އެފަދަ މައުލޫމާތެއް ހާމަކުރުމުން ދެ ގައުމުގެ ދޭތެރޭގައި އޮތް ގުޅުމަށް ނުރަނގަޅު އަސަރުކޮށްފާނެތީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ)ގެ ދަށުން އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް އައިކޮމްގެ ރިޕޯޓުގައިވެ އެވެ.
ސިއްރު ނުހިފެހެއްޓުމުގެ ދައުވާ ސަރުކާރުގެ މައްޗަށް އުފުލުމުގެ ފުރުސަތު އޮތުމުގެ އިސްތިސްނާ ވެސް މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނާ ހަވާލާދީ އައިކޮމްއިން ފާހަގަކުރި އެވެ. އެއީ އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގައިވާ އިސްތިސްނާ އެވެ.
އެ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމުގެ އިގްތިސާދު ދެމެހެއްޓުމަށާއި ހިންގުމަށް ސަރުކާރަށް ލިބިގެންވާ ކުޅެދުންތެރިކަމަށް އުނިކަން އަތުވެދާނެ ފަދަ މައުލޫމާތެއް ކަމަށް ވެސް އައިކޮމްގެ ރިޕޯޓުގައިވެ އެވެ. އެއީ ގާނޫނުގެ 22 ވަނަ މާއްދާގެ ރ.ގެ އެއް ވަނަ ނަމްބަރުން ދީފައިވާ އިސްތިސްނާ ހާލަތެކެވެ.













