ހުޅުމާލޭގައި މިއަދުން ފެށިގެން ތިން ދުވަހަށް ސިފައިން ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާތީ އެ ސަރަހައްދުން ކަނޑުދަތުރުކުރާ އުޅަނދުތައް ސަމާލުވާން އެދެފި އެވެ.
މިއަދު ގެޒެޓު ކުރި އިއުލާނެއްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ބުނީ ތަމްރީނުތައް ކުރިއަށްގެންދާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 6:00 ފެށިގެން ހަވީރު 6:00 އަށް ޖުމްލަ 12 ގަޑިއިރު ކަމަށެވެ.
"ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިއުލާންކުރިން،" އެމްއެންޑީއެފްގެ އިއުލާނުގައި ބުނެފައިވެ އެވެ.
ސިފައިން ބުނީ އެމީހުންގެ ތަމްރީނުތަކުގައި ބޭނުން ކުރާނީ ހުޅުމާލޭގެ ބޭރު ފަރާތް ކަމަށެވެ. އަދި އެ ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ވެސް ބޭނުން ކުރާނެ ކަމަށް ސިފައިން ބުނެ އެވެ.
ސިފައިން ބުނީ ތަމްރީނުތަކަށް ވައިގެ ސަރަހައްދު ބޭނުން ކުރާނީ ހުޅުމާލޭ ބޭރު ފަރާތުން 11.25 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. އެ ހިސާބުން 5000 މީޓަރު ދުރުމިނަށް އަދި 300 މީޓަރު މައްޗަށް ވައިގެ ސަރަހައްދު ބޭނުން ކުރާނެ ކަމަށް ސިފައިން ބުނެ އެވެ.












