"ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު" ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދަމަން ރާވާކަމުގެ މައުލޫމާތު ކުރިން އެނގިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް ޕީޕީއެމް އިސްވެ ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނުގެ ބެނާ ރޭ, ޗާގޯސް މައްސަލާގައި ބޭއްވި ޖަލްސާގައި ދެމީ ސަރުކާރުން ކަމަށް ޕީޕީއެމްގެ އިތުރުން ދަ ޑިމޮކްރެޓްސް އިން ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.
ދެ ޕާޓީން ވެސް ތުހުމަތު ކުރަނީ ސަރުކާރުން ފޮނުވި ބަޔަކު ޖަލްސާގައި ބެނާ ދެމީ, ޖަލްސާގެ މަގުސަދު އޮޅުވާލުމަށްޓަކައި ކަމަށެވެ.
އެކަމާ ގުޅިގެން ޕީޕީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ އިންޑިއާ އައުޓް ބެނާ އާއެކު ބަޔަކު ރޭގެ ޖަލްސާ ތެރެއަށް ފޮނުވުމުގެ ފިނޑި އަމަލު ކުރީ ސަރުކާރުގެ ވެރިން އަޑީގައި ތިބެގެން ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ސަރުކާރުން ފަންޑުކޮށްގެން ފޮނުވި ބައެއް ކަމަށެވެ.
"ޖަލްސާގެ ކުރިން އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެފަދަ ކަމެއް ހިނގައިފިނަމަ، ސުލްހަވެރިކަމާއެކު އެކަން ކުރާ ބަޔަކު ޖަލްސާއިން ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ޖަލްސާ އިންތިޒާމު ކުރި ފަރާތުން ތިބީ ތައްޔާރަށް" ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމުން ބުނީ އެފަދަ ފިނޑި ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ކަނޑު ވިއްކާލުމާއި ދެކޮޅަށް އުފެދިފައިވާ އިއްތިހާދު ރޫޅާލެވޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.
ސަރުކާރުން ކުރިމަތި ކުރުވި ފިއްތުންތަކާއެކު އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕެއިން މަޑުޖައްސާލާފައި އޮއްވައި ރޭގެ ޖަލްސާގައި ބެނާއެއް ދެމީ އެކަމަށް ތައްޔާރުވެގެން ގޮސް ތިބި އަށް ވަރަކަށް މީހުން ހިމެނޭ ޒުވާނުންގެ ޓީމެކެވެ. އެމީހުން ތިބީ ހުދު ކުލައިގެ ޓީޝާޓެއްގައި އިންޑިއާ އައުޓް އިނގިރޭސި ބަހުން ޖަހައިގެނެވެ. ބެނާގައި ވެސް އޮތީ އެހެނެވެ.
އެ ޒުވާނުން އިންޑިއާ އައުޓް ބެނާ ދެމީ އެއްވެސް ސިޔާސީ ފަރާތަކާ ގުޅިގެންކަން މިހާތަނަށް އެނގިފައެއްނުވެ އެވެ. އަދި ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ ތުހުމަތަށް ސަރުކާރުން ރައްދެއް އަދި ނުދެ އެވެ.













