އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ދެންމެ ފައްޓަވައި ދެއްވައިފި އެވެ.
އައްޑޫ ބިން ހިއްކަނީ ކުރިއަށް އޮތް 50 އަހަރަށް ވާ ވަރަށް ބިން އިތުރުކޮށް، ޓޫރިޒަމް ތަރައްގީކޮށް އިގްތިސާދު ކުރިއެރުވުމުގެ ގޮތުންނެވެ. ބިލިއަނެއްހާ ރުފިޔާގެ މި މަޝްރޫއުގެ ދަށުން، އައްޑުއަށް 194 ހެކްޓަރުގެ ބިން އިތުރުކޮށް، 11 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ގާއިމްކުރާނެ އެވެ. މިކަމަށް ލޯނު ހޯދާފައި ވަނީ އިންޑިއާގެ އެކްޒިމް ބޭންކުންނެވެ.
މި މަޝްރޫއުގެ ދަށުން އައްޑޫގެ ރަށްތަކަށް ބިން އިތުރުކުރުމުގެ އިތުރުން، ރިސޯޓު ހަދަން ފަޅުތެރެއިން ތިން ރަށެއް އުފައްދާނެ އެވެ. އަދި, ހަންކެޑެ ކައިރިން ލިންކު ރޯޑު ވަކިކުރުމަށް ފަޅުތެރެއިން މިހާރު ވަނީ ބައެއް ހިއްކައިފަ އެވެ.
އައްޑޫއިން ހިއްކާ ބިންތައް
- ހިތަދޫއިން 50 ހެކްޓަރުގެ ސަރަހައްދަކާއި 40 ހެކްޓަރުގެ ސަރަހައްދެއް
- މަރަދޫފޭދޫއިން 76 ހެކްޓަރުގެ ސަރަހައްދެއް
- ރިސޯޓު ހަދަން 8.3 ހެކްޓަރުގެ ތިން ރަށް
- ލިންކު ރޯޑް ހަދަން 3.3 ހެކްޓަރު
ޕްލޭނިން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ބިން ހިއްކުމުގެ ކުރިން، ހިއްކާ ސަރަހައްދުން މުރަކަތައް ނަގައި އެެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ. އެގޮތުން، 70،000 މުރަކަ ކޮލިނީ ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.
މި މަޝްރޫއު ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކޮށްފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކަންބޮޑުވުން
ބިން ހިއްކާއިރު އުފެދޭ ކިސަޑުގަނޑު އަތޮޅުގެ އެތެރެވަރިއަށް ފޭދިގެން ގޮސް ކަނޑުއަޑީގެ މާހައުލަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަން ކަމަށް މަޝްރޫއަށް ތައްޔާރު ކުރި އީއައިއޭ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެގޮތުން، އައްޑޫގެ ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދެއް ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު އަދި ޝިޕްރެކްއަށް ގެއްލުންވުމުގެ ފުރުސަތު ވެސް އޮތްކަން ހާމަވި އެވެ.
އެކަމާ ހެދި، މަޝްރޫއު ހުއްޓާލަން ތިމާވެށި ހިމާޔަތް ކުރަން ވަކާލާތުކުރާ ޖަމިއްޔާތަކާއި މަދަނީ އެހެނިހެން ޖަމިއްޔާތަކުން މީގެ ކުރިން ވަނީ ގޮވައިލައިފަ އެވެ. މަޝްރޫއު ހިންގަނީ ޓޫރިޒަމް ވެސް ކުރިއަރުވަން ކަމަށްވާއިރު، ކަނޑުއަޑީގެ މާހައުލު ހަލާކުވުމުން ކުރެވޭނީ ކޮންކަހަލަ ޓޫރިޒަމެއްތޯ އެ ޖަމިއްޔާތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.
މިނިސްޓްރީއިން ބުނީ، މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު ހުރިހާ މަރުހަލާއެއްގައި ވެސް ތިމާވެށީގެ މޮނިޓަރިން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ހިއްކާ އިރު ވެއްޓަށް ގެއްލުންކުޑަކޮށް އެކަން ކުރާނެ ކަމަށް ވެން އޫޑް ކުންފުނިން ވަނީ ބުނެފަ އެވެ.












