އައްޑޫގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫއު އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް ފަށަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
އައްޑޫ ބިން ހިއްކަނީ ކުރިއަށް އޮތް 50 އަހަރަށް ވާ ވަރަށް ބިން އިތުރުކޮށް، ޓޫރިޒަމް ތަރައްގީކޮށް އިގްތިސާދު ކުރިއެރުވުމުގެ ގޮތުންނެވެ. ބިލިއަނެއްހާ ރުފިޔާގެ މި މަޝްރޫއުގެ ދަށުން، އައްޑުއަށް 194 ހެކްޓަރުގެ ބިން އިތުރުކޮށް، 11 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ގާއިމްކުރާނެ އެވެ.
އައްޑޫގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ޕްރޮޓެކްޓު މެނޭޖްމަންޓު ޔުނިޓު ހިންގުމާ ހަވާލުވެގެން ހުންނެވި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގު "އަދަދު"އަށް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.
ކުރިން އައްޑޫގެ މޭޔަރުކުރަން ވެސް ކުރެއްވި ސޯދިގު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ފައްޓަވައިދެއްވާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އަންނަ ހޮނިހިރު ދުވަހު ރައީސް ސޯލިހު އައްޑުއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވެސް މިއަދު ވަނީ ބުނެފަ އެވެ. އެކަމަކު، އެ ދަތުރުގެ ތަފްސީލުތަކެއް އަދި ދީފައި ނުވެ އެވެ.

ސޯދިގު ވިދާޅުވި ގޮތުގައި، ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކުމުގެ ކުރިން، ހިއްކާ ސަރަހައްދުތައް ވަކިކުރަން ބަންޑު ވޯލް ޖެހުމުގެ މަސައްކަތެވެ.

އައްޑޫ ފަޅެއްގެ ތެރެއިން ހިއްކަން ނިންމާފައިވާ ތަނެއްގައި ބަންޑް ވޯލް ޖަހާފައި -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
މި މަޝްރޫއުގެ ދަށުން އައްޑޫގެ ރަށްތަކަށް ބިން އިތުރުކުރުމުގެ އިތުރުން، ރިސޯޓު ހަދަން ފަޅުތެރެއިން ތިން ރަށެއް އުފައްދާނެ އެވެ. އަދި, ހަންކެޑެ ކައިރިން ލިންކު ރޯޑު ވަކިކުރުމަށް ފަޅުތެރެއިން މިހާރު ވަނީ ބައެއް ހިއްކައިފަ އެވެ.
އައްޑޫއިން ހިއްކާ ބިންތައް:
- ހިތަދޫއިން 50 ހެކްޓަރުގެ ސަރަހައްދަކާއި 40 ހެކްޓަރުގެ ސަރަހައްދެއް
- މަރަދޫފޭދޫއިން 76 ހެކްޓަރުގެ ސަރަހައްދެއް
- ރިސޯޓު ހަދަން 8.3 ހެކްޓަރުގެ ތިން ރަށް
- ލިންކު ރޯޑް ހަދަން 3.3 ހެކްޓަރު
ޕްލޭނިން މިނިސްޓްރީގެ ޓްވިޓާގައި އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ބިން ހިއްކުމުގެ ކުރިން، ހިއްކާ ސަރަހައްދުން މުރަކަތައް ނަގައި އެެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ. އެގޮތުން، 70،000 މުރަކަ ކޮލިނީ ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.

ލިންކު ރޯޑު ހަންކެޑެއިން ވަކިކުރުމަށް ހިއްކާފައި ސަރަހައްދު
މި މަޝްރޫއު ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކޮށްފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ބިން ހިއްކާއިރު އުފެދޭ ކިސަޑުގަނޑު އަތޮޅުގެ އެތެރެވަރިއަށް ފޭދިގެން ގޮސް ކަނޑުއަޑީގެ މާހައުލަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަން ކަމަށް މަޝްރޫއަށް ތައްޔާރު ކުރި އީއައިއޭ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެގޮތުން، އައްޑޫގެ ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދެއް ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު އަދި ޝިޕްރެކްއަށް ގެއްލުންވުމުގެ ފުރުސަތު ވެސް އޮތްކަން ހާމަވި އެވެ.
އެކަމާ ހެދި، މަޝްރޫއު ހުއްޓާލަން ތިމާވެށި ހިމާޔަތް ކުރަން ވަކާލާތުކުރާ ޖަމިއްޔާތަކާއި މަދަނީ އެހެނިހެން ޖަމިއްޔާތަކުން މީގެ ކުރިން ވަނީ ގޮވައިލައިފަ އެވެ. މަޝްރޫއު ހިންގަނީ ޓޫރިޒަމް ވެސް ކުރިއަރުވަން ކަމަށްވާއިރު، ކަނޑުއަޑީގެ މާހައުލު ހަލާކުވުމުން ކުރެވޭނީ ކޮންކަހަލަ ޓޫރިޒަމެއްތޯ އެ ޖަމިއްޔާތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.
މިނިސްޓްރީއިން ބުނީ، މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު ހުރިހާ މަރުހަލާއެއްގައި ވެސް ތިމާވެށީގެ މޮނިޓަރިން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ހިއްކާ އިރު ވެއްޓަށް ގެއްލުންކުޑަކޮށް އެކަން ކުރާނެ ކަމަށް ވެން އޫޑް ކުންފުނިން ވަނީ ބުނެފަ އެވެ.












