މި އަހަރު 1225 ދަރިވަރަކަށް ސްޓޫޑެންޓު ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މަތީ ސާނަވީ އިންތިހާނުގެ ގަދަ ދިހައަކަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ދަރިބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ލޯނު ދިނުމުގައި ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ބަދަލާއެކު، ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި 1225 ދަރިވަރުންނަށް މި އަހަރު ލޯނު ދޭން ނިންމާފައިވާ ގޮތުގެ ތަފުސީލު، ހަޔާ އެޑިއުކޭޝަން މިނިސްޓަރު މާދަމާ ހިއްސާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަހަރު މި ދޭ 1225 ލޯނާއެކު، މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯންގެ ޖުމުލަ 3211 އަށް އަރާނެ," އެ މަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
"މަތީ ތައުލީމާއި ތަމްރީނުގެ މިހާ ފަހި ފުރުސަތުތަކެއް، އެއްވެސް ސަރުކާރަކުން މީގެ ކުރިން ފަހިކޮށްދީފައެއް ނެތް. ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އަޅުގަނޑުމެން އެންމެ ބޮޑު ސަމާލު ކަމެއް ދޭނެ އެއް ކަމަކީ، ދިވެހި ދަރިންނަށް ރަނގަޅު ތައުލީމު ހޯދައިދިނުން. އަދި މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރުން."

ރައީސް ސޯލިހު ވިދާޅުވީ ހުނަރުވެރި މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިކުރުމަށް، ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގަމުންދާ ކަމަށާއި އެއީ ތަފާތު ހުނަރުތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ގައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
"އެ ޕްރޮގްރާމްގެ ތެރެއިން ތަމްރީނުތައް ހިންގާނެ މައިގަނޑު ދާއިރާތަކަކީ، ފަތުރުވެރިކަން، ދަތުރުފަތުރު، ޢިމާރާތްކުރުން، މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ،" ރައީސް ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގައި މިހާތަނަށް 15 ކުންފުންޏަކުން 1370 ޖާގަ ހަމަޖެހިފައިވާއިރު، ޖުމްލަ 665 ޒުވާނަކަށް ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށް ދެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި މި ގައުމީ ޕްރޮގްރާމު ހިންގަން އިތުރު އަށް ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭލަވެލް އިންތިހާނުގެ ގަދަ 10 އަކަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ދަރިވަރުން. -- ފޮޓޯ: ރައީސް އޮފީސް
ވަޒީފާތައް އުފެއްދުން
ތައުލީމާއި ތަމްރީން ދޭއިރު ވަޒީފާތައް އުފެއްދުމަށް ވެސް މި ސަރުކާރުން އިސްކަމެއް ދީފައިވާ ކަމަށާއިި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެތައް މަޝްރޫއެއް މިހާރުވެސް ހިނގަމުން އަދި ނިމެމުން އަންނަ ކަމަށެވެ. އެއީ ވަޒީފާގެ ފުރުސަތު ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވެވި އެވެ.
"އެއާޕޯޓެއް އެޅިޔަސް އެއީ ތިޔަ ކުދިންނަށް ހުރި ވަޒީފާތައް. ސިއްހީ މަރުކަޒެއްގެ ފެންވަރު މަތިކުރިޔަސް، އެއީ އުފެދޭ އިތުރު ވަޒީފާ. ޓާޝަރީ ފެންވަރަށް ތަރައްގީކުރާ ފަސް ހޮސްޕިޓަލަކީ ވެސް، ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނަށްޓަކައި ރަށްރަށުގައި އުފެދޭ އެތައް ވަޒީފާއެއް. ފެނާއި ނަރުދަމާ ގާއިމުކުރިޔަސް، އެއީ ވެސް ހަމަ ތިޔަ ކުދިންނަށްޓަކައި އުފެދޭ ވަޒީފާ،" ރައީސް ވިދާޅުވި އެވެ.
ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާވެ، އިތުރު ރިސޯޓްތަކާއި ގެސްޓް ހައުސްތައް ހުޅުވަމުން އަންނައިރު، އެއީ ވެސް އުފެދޭ ވަޒީފާތައް ކަމަށާއި އައިސް ޕްލާންޓްތަކާއި މަސްކިރާ ބޯޓުތައް އިތުރުވަމަކީ ވެސް ވަޒީފާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭލަވެލް އިންތިހާނުގެ ގަދަ 10 އަކަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ: ރައީސް އޮފީސް
"ރާއްޖޭގެ ތަރައްގީއާ މެދު އަޅުގަނޑުގެ އޮތް ދުރު ރާސްތާގެ ތަސައްވުރަކީ، ޒަމާނީ ތައުލީމުން ރޯފިލާފައި ތިބި، ހުނަރުވެރި އަދި މަސައްކަތްތެރި ހީވާގި ޖީލެއް ބިނާކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.
"ތި ކުދިންނަށް އަޅުގަނޑު މި ގޮވައިލަނީ، މިފަދަ ފުރުޞަތުތަކުގެ ބޭނުންހިފައިގެން، ގައުމަށާއި ތިކުދިންގެ ޢާއިލާއަށް ބޭނުންތެރި މީހަކަށް ވެވޭތޯ މަސައްކަތް ކުރާށޭ."
ރައީސް ސޯލިހު ބެލެނިވެރިންނަށް އިލްތިމާސް ކުރެއްވީ ދަރިންގެ ކިބައިގައި ހުރި ހުނަރާއި ގާބިލުކަން އިތުރަށް ތަރައްގީކުރުމުގައި އެކުދިންނަށް ރަނގަޅު މަގު ދައްކަވައި ފުރުސަތު ފަހިކޮށް ދިނުމަށެވެ. އަދި އެ ކުދިން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވައި، އެހީތެރިވެދެއްވުމަށެވެ.












