ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ އޮފީހަށް ހުއްދަ ނެތި ވަނުމުން ހައްޔަރުކުރި މީހަކު ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުން ޖަލުހުކުމަކުން ސަލާމަތްވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވާ ގޮތުގައި ކ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ މީހާ އާރްސީސީގެ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން އެ އޮފީހަށް ވަންކަން ސާބިތުވީ އޭނާގެ އިއުތިރާފުންނެވެ. އެއާ އެކު އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެބަސްވުމެއް އޮތުމުން އެ މައްސަަލަ ނިންމީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން ކުރެއްވި ހުކުމުގައިވާ ގޮތުން، ކުށްކުރި މީހާގެ އިއުތިރާފު ކޯޓުގައި ދަމަހައްޓާފައި ވާތީ އޭނާއަށް އަދަބު ކަނޑައެޅީ ގާނޫނުލް އުގޫބާތުގެ 1106 ވަނަ މާއްދާގެ ދަށުން، އަސާސީ މިންގަނޑުން ދަށްކޮށްގެންނެވެ. އެގޮތަށް އަދަބު ކަނޑައެޅުމުން އޭނާއަށް އިއްވޭނީ 27 ދުވަހުގެ ޖަލު ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ކަމަށްވާ ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
އޭނާއަށް ހުކުމް ކުރީ ބަންދުގައި ހުންނަތާ ގާތްގަނޑަކަށް 30 ދުވަސް ފަހުން ކަމަށް ވާތީ ހުކުމް ކުރީ އޭނާ ތަންފީޒުކުރަން ޖެހޭ ޖަލުހުކުމެއް ނެތް ކަމަށެވެ.












