ވާރޭ ވެހި ފެންބޮޑުވުން ހައްލުކުރުމަށްޓަކައި މާލޭގެ ހަ ސަރަހައްދެއްގައި ފެން ހިންދުމުގެ ނިޒާމެއް ގާއިމުކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.
މި ސާވޭއަކީ ފެން ހިންދުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަމަޔާ) އިން ތައްޔާރުކުރާ ރިޕޯޓެއްގެ ބައެކެވެ.
ތަފުސީލު ހާމަކޮށްފައި ނެތަސް، ސާވޭ ކަރުދާހުގައި ބުނެފައިވާ ގޮތުން ހޮޅި އަޅަނީ ހެންވޭރުން ހަތަރު ސަރަހައްދެއްގައި، އަދި މާފަންނު ދެ ސަރަހައްދެއްގަ އެވެ.
މާލޭގެ މަގުތަކުގައި ބޮޑުވާ ފެން މޫދަށް ބޭރުކުރާނީ ހޮޅިތަކެއް އަޅައިގެން ކަމަށް ޕްލޭނިން މިނިސްޓްރީން އާންމުކޮށްފައިވާ ސުވާލު ކަރުދާހުގައިވެ އެވެ.

"މިމަޝްރޫޢުގެ ދަށުން އަޅާ ހޮޅިއަކީ މިހާރު މާލޭ މަގުހެދުމުގެ ޕްރޮޖެކްޓްގައި ބޭނުންކުރެވޭ ހޮޅިއަށްވުރެ ފަލަ ހޮޅިތަކެކެވެ،" ލިޔުމުގައިވެ އެވެ.
މި މަޝްރޫއުއަށްޓަކައި ހޮޅިވަޅުލާ ސަރަހައްދުތަކުގައި ތިން ހަތަރު މަސް ދުވަސް ވަންދެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
ސާވޭގައި އަހާފައިވާ ބައެއް ސުވާލުގެ ތެރޭގައި ވިއްސާރަ ވުމުގެ ސަބަބުން ދިމާވާ ދަތިތަކަކީ ކޮބައިތޯ އާއި ވާރޭ ވެހިގެން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ އާއި އާ މަޝްރޫއުގެ ސަބަބުން މަގު ބަންދުކުރާ ދުވަސްވަރުގައި ކުރިމަތިވެދާނެ ދަތިތައް ނޯޓުކުރުމެވެ.











