އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑިޕަބްލިކް ތެރޭގައި މާރާމާރީ ހިންގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގެ ތުހުމަތު ކުރެވޭ އިބްރާހިމް ފައިހު އާއި ފުލުހުންނަށް އޭނާ ފޮރުވައިގެން ގެންގުޅުނު ކަމަށް ބުނާ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި، ޖަނަވަރީ 14، 2023 ދުވަހުގެ ރޭ 00:35 ހާއިރު ކެފޭ ޑި ޕަބްލިކްގައި ހިންގި މާރާމާރީގެ މައްސަލައިގައި ފައިހްގެ މައްޗަށް އުފުލާފައި ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އާއި ގައިގާ އަތްލުމުގެ ދައުވާގެ އިތުުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އެވެ.
އޭގެ އިތުރުން، ކޯޓު އަމުރެއްގެ ދަށުން ފައިހް ހައްޔަރުކުރުމަށް އޭނާ ހޯދާ ނުފެނިގެން އިއުލާނުކޮށްފައި ވަނިކޮށް، އޭނާ ހައްޔަރުވިޔަނުދިނުމަށް ފޮރުވައިގެން ގެންގުޅުނު ކަމަށް ބުނާ ދެ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ މީހަކު ހައްޔަރުކުރިއަނުދިނުމަށް، ކުށްކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.
އެ ދެ މީހުންނަކީ:
- ލ. ގަން، ތުނޑި، ނެވަކޯން، އަބްދުﷲ ޖުނައިދު
- ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުހައްމަދު ޝަބީބްގެ
ހަމަ އެ މާރާމާރީއާ ގުޅިގެން އިތުރު ދެ މީހެއްގެ މައްޗަށް ވެސް ގައިގައި އަލްތުމުގެ ކުށުގެ ދައުވާ އުފުލި އެވެ. އެ ދެ މީހުންނަކީ:

- ހ. ދިއްގާމާގެ، އަލީ ފާރިޟް
- މއ. އާދިއްޕަރު، މާއިން މުހައްމަދު އަޒީމް
އެ މާރާމާރީއާ ގުޅިގެން ފައިހް ހޯދުމަށް ފުލުހުން މާލޭގައި އޮޕަރޭޝަންތަކެއް ހިންގި އެވެ. މާރާމާރީގެ މައްސަލާގައި ފައިހު ހޯދުމަށް ފުލުހުން މަސައްކަތް ފެށީ ފެބްރުއަރީ 15، ގަ އެވެ. މަސް ދުވަހުން ވެސް އޭނާ ނުހޯދި އޮއްވައި މާޗު 21، ގައި ފައިހު އަމިއްލައަށް ފުލުހުންނާ ހަވާލުވީ އެވެ.












