ހުޅުމާލެ ފޭސް ދޭއްގައި ވަރަށް އަވަހަށް ދެ އެޓީއެމް ގާއިމުކުރާނެ ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ބުނެފި އެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި އެ ބޭންކުގެ 40 ވަނަ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ސީއީއޯ ކާލް ސްޓުމަކް ވިދާޅުވީ އޭޓީއެމް ބަހައްޓާނެ ޖާގަ ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ހުޅުމާލެ ފޭސް ވަން ގެ ތިން ހިސާބެއްގައި މިހާރު ވެސް ބީއެމްއެލްގެ ހައެއްކަ އޭޓީއެމް ބަހައްޓާފައިވެ އެވެ.
އެނާ ވިދާޅުވީ ފޭސް ދޭކަށް ބީއެމްއެލްގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި ބޭންކުގެ ބްރާންޗެއް ހަދާނެ ޖާގަ ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި ހުޅުމާލެ އަމީން އެވެނިއު ކައިރިން ގަނެފައިވާ، 15،000 އަކަފޫޓުގެ ބިމުގައި ބީއެމްއެލްގެ އޮފީސް އިމާރާތެއް އެޅުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
"ރާއްޖެއިން ބޭރުގައި ބްރާންޗެއް ގާއިމު ކުރުމަށް ނިންމާފައި ވުމާއެކު، އެކަން ކުރިއަށް ގެންދަން މެނޭޖުމަންޓަށް ފެންނަ ގޮތް ވެސް ބޯޑަށް ވަރަށް އަވަހަށް ހުށެހެޅޭނެ،" ކާލް ވިދާޅުވި އެވެ.

ބީއެމްއެލްގެ ހިދުމަތް ހޯދާ 325،000 އަށްވުރެ ގިނަ ކަސްޓަމަރުން މިހާރު އެބަ ތިއްބެވެ. ބޭންކުގެ ނެޓްވޯކުގައި 38 ބްރާންޗް، 139 އޭޓީއެމް މެޝިން، 7,900 މާޗެންޓުން، 70,061 ޕީއޯއެސް މެޝިން އަދި 223 ކޭޝް އޭޖެންޓުން ހިމެނެ އެވެ. މިދިޔަ އަހަރު އެ ބެންކަށް 25،000 ކަސްޓަމުރުން އަލަށް ގުޅިފައިވެ އެވެ.












